ކޮންމެ ރައްޔިތަކުވެސް ގައުމާ އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ، ކަންބޮޑުވާާންޖެހޭ ކަމެއް ނޯންނާނެ

ކޮންމެ ރައްޔިތަކަށް ތަމްރީނުދީ، ހަތިޔާރު ދެވެން ނޯންނާނެ ކަމަށާ، ނަމަވެސް މާތް ﷲ ސުބްހާނަހޫވަތައާލާ ދެއްވި އެންމެބާރުގަދަ ހަތިޔާރު ކަމުގައިވާ، ސިކުނޑީގެ ބޭނުންހިފައި، އެމީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ގެންގުޅޭނަމަ ކަންބޮޑުވާންޖެހޭނެ ކަމެއް ނޯންނާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހީންގެ އަތުގައި އޮތީ އެހެން ބައެއްގެ އަތުގައި ނެތް ހާއްސަ ހައިސިއްޔަތުތަކެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދިވެހީންނަކީ އެއް ދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަދައްކާ، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ބަޔަކަށްވާއިރު، އެކަންކަން ނިގުޅައިގަތުމަށް ކަނޑިއާއި ބަޑި ބޭނުން ނުވާކަމުގައެވެ.
ގައުމުގެ މިނިވަންކަން ގެއްލިދިޔަ ހާދިސާތަކަށް ނަޒަރު ހިންގަވާލައްވަމުން، އެމަނިކުފާނު ވަނީ، ބޭރުގެ ބަޔަކާ ގުޅިގެން ކުރިކަމުގައި ވިޔަސް އެފަދަ ގިނަ ހާދިސާތައް ހިނގާފައިވަނީ ދިވެހީންގެ އަތެއް އެކަމުގައި އޮވެގެންކަން ފާހަގަކުރައްވައިފައެވެ.
ނަމަވެސް، އަމިއްލަ މަސްލަހަތަށް ވުރެ، ހިތުގެ އަޑިން ގައުމީ ލޯބި އިސްކޮށް، ގައުމާ އެއްކޮޅަށް ކަންކަން ކުރަން މަސައްކަތްކުރާހާހިނދަކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލު އަބަދުވެސް އޮންނާނީ ހިމާޔަތްވެ، ވަރުގަދަވެފައިކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހި ކާބަފައިންގެ ގުރުބާނީގެ ވާހަކަ ޒުވާނުންނަށް އެނގެންޖެހޭކަމަށާ، އެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މުހިންމު ސިޔާސަތެއް ތަންފީޒުކުރައްވަން ފައްޓަވައި، އެކަން ކާމިޔާބީއަށް ވާސިލުވަމުންދަނީ ދިވެހިރައްޔިތުން އެކަންކަން ބަލައިގަނެ، ފުރިހަމައަށް އެއްބާރުލުން ދެއްވާތީކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ގައުމީ ހިދުމަތުގައި ބައިވެރިވުމަށް ޒުވާނުންނަށް ހުޅުވާލި ފުރުސަތަށް އިތުބާރުކުރައްވައި، ދެއްވި ތަރުހީބު ފާހަގަކުރައްވަމުން، މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ހިދުމަތުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ބައިވެރިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ގައުމެއް، ގައުމަކަށް ވެގެން އަންނަނީ އެ ގައުމެއްގެ އަފުރާދުންގެ މައްޗަށް ބިނާވެގެން ކަމަށާ، ސަރުކާރުން ތަރައްގީ ހޯއްދަވައިދެއްވި ކަމުގައި ވީ ނަމަވެސް، މިމޭރުމުން އަފުރާދުންގެ ވިސްނުން ބައްޓަންވެގެން ނުދާނަމަ، އެ ތަރައްގީގެ ބޭނުމެއް ނެތްކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރަމުންދާނީ ކަންކަމަށް މަގުފަހިކޮށްދީ، އުމްރާނީ ގޮތުން ގައުމު ތަރައްގީކޮށް، ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން ހިދުމަތުގައި ހޭދަކުރާ ވަގުތަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށްޓަކައި 2026 ވަނަ އަހަރުގެ ބަޖެޓުން ހޭދަކުރެއްވުމަށް ރާއްވަވާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިން ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކުރެވެން އޮތް ކަމެއް ނޫންކަމަށާ، މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ ޒިންމާ، ކޮންމެ ރައްޔިތަކަށްވެސް އޮތްކަން ފަޚްރެއްގެގޮތުގައި ދުށުމަށް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މާޒީގައި ގައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލުމަށް ކަމަށާ، ނަމަވެސް ބަވަނަވެފައި އޮތް އަދުގެ ދުނިޔޭގައި ކަން ހިނގަމުންދަނީ އެ މޭރުމުން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރައީސް ވަނީ، ޓެކްނޯލޮޖީގެ މި ޒަމާނުގައި، ޣާފިލުކަމުގެ ތެރޭގައިވަނިކޮށްވެސް މިނިވަންކަން ގެއްލި ހިނގައިދާނެކަން ހަނދާންކޮށްދެއްވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ