ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޓީމު ނައިވާދޫ އިން، ކްލަބް މޯލްޑިވްސް އިން ބާއްވާ ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގްރޫޕް އޭގައި، ނައިވާދޫން ފުރަތަމަ މެޗުން ބ. އޭދަފުށީ ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ) 4-1 އިން ބަލިކުރިއިރު، ދެ ވަނަ މެޗުން އައްޑޫ ސިޓީ މައިލޯ ސިޓީ ބަލިކުރީ 3-1 އިންނެވެ. ނައިވާދޫ ދެ މެޗުން ހަ ޕޮއިންޓް ހޯދިއިރު، ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ސީސީ އެވެ. ތިން ވަނައިގައި އޮތް މައިލޯ ސިޓީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ޓީމު ކާށިދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ސީސީ އާއި މައިލޯ ސިޓީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ އަނެއް ޖާގަ ލިބޭނެ އެވެ. ނައިވާދޫން ކުޅޭނީ ފަހު މެޗުގައި ކާށިދޫއާ އެވެ.
ރޭ ކުޅުނު މެޗުގައި ނައިވާދޫގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) ދެ ގޯލާއި އަހުމަދު ހަމީދު (އައްމަޑޭ) ގޯލެކެވެ. މައިލޯގެ ލަނޑު ޖެހީ އިރާން ކުޅުންތެރިޔާ، އެހްސާން ސޮލެމާނީ އެވެ.
ކާށިދޫ ކޮޅަށް ސީސީގެ ގޯލުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، އިޝާން އިބްރާހިމް (ސައްޓު) ދެ ގޯލާއި އުނައިސް ޒުބައިރު އަދި މުހައްމަދު ފާސިރު (ފާއްޓެ) ގޯލެކެވެ. އަދި، ކާށިދޫގެ އަހުމަދު ލޫތު އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެ އެވެ.
ކިންގްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ގްރޫޕް ބީގައި ކުޅުނު ދެ ވަނަ މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. ފުރަތަމަ މެޗުން ކުޅިވަރު ވުޒާރާ ކްލަބާ ލަނޑެއް ނުޖެހި ވެމްކޯ އެއްވަރުވިއިރު، ރޭ ޖޯލި މޯލްޑިވްސްއާ އެއްވަރުވީ 3-3 އިންނެވެ. މި ގްރޫޕް އަނެއް މެޗުން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ވަނީ 6-2 އިން ކުޅިވަރު ވުޒާރާ ބަލިކޮށް ސެމީގެ އުންމީދުއާ ކޮށްފަ އެވެ.
ގްރޫޕް އެއް ވަނައިގައި ޖޯލި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްއާރްސީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ވެމްކޯ އަށް އޮތީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ކުޅިވަރު ވުޒާރާ އަށް ވެސް ޕޮއިންޓެއް ލިބިފައިވެ އެވެ. ގްރޫޕްގެ ފަހު މެޗުގައި، ވެމްކޯ އާއި އާރްއާރްސީ ކުޅޭއިރު، އަނެއް މެޗުގައި ޖޯލިން ނުކުންނާނީ ކުޅިވަރު ވުޒާރާއާ ދެކޮޅަށެެވެ.
ޖޯލި މޯލްޑިވްސް އަށް ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޖުމާން އަހުމަދު ހެޓްރިކް އެކެވެ. ވެމްކޯގެ ލަނޑުތައް ޖެހީ، އިރާނުގެ ކުޅުންތެރިޔާ، އަލީ ރެޒާ، އިބްރާހިމް މައިސާން އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. އާރްއާރްސީގެ ލަނޑުތައް ޖެހީ، އަލީ ހާފިޒް (ހާއްޕެ) އާއި ޝަނާން ރަޝާދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަދި އަބްދުﷲ ޔާމީން (ޔާނު) އެވެ. ކުޅިވަރު ވުޒާރާގެ ލަނޑުތައް ޖެހީ، އިބްރާހިމް ހާމިދު އާއި ނާއިފް ޝަފީގު (ސީއާރް3) އެވެ.
ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އޮންނާނީ މާދަމާރޭ އެވެ.
ކިންގްސް ކަޕް ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫ އަށް ކިންގްސް ކަޕް ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ