ދެ އަހަރުގެ ތެރޭގައި ތިން ވަނަ ބޮޑުވަޒީރަކު ތައިލޭންޑްގައި ހަމަޖައްސައިފި

ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ވެރިޔާ ބަދަލުކޮށް، ދެ އަހަރުގެ ތެރޭ އެ ގައުމުގެ އާ ބޮޑުވަޒީރަކަށް ވިޔަފާރިވެރިޔާ، އަނޫޓިން ޗާންވިރަކުލް އިންތިހާބުކޮށްފި އެވެ.
ތައިލެންޑުގެ އެންމެ ނުފޫޒުގަދަ ސިޔާސީ ދަރިކޮޅުގެ މެމްބަރު، ޕެޓޮންގްޓާން ޝިނަވަތުރާ މިދިޔަ ހަފުތާގައި ދުސްތޫރީ ކޯޓުން ވަނީ ބޮޑުވަޒީރުގެ މަގާމުން ވަކިކޮށްފަ އެވެ. އެ ކަމަނާ މަގާމުން ވަކިކުރީ ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ބޯޑަރު ހަމަނުޖެހުންތައް ހޫނުވެފައިވަނިކޮށް، ފޯން ކޯލެއް ލީކްވުމާ ގުޅިގެންނެވެ.
ޝިނަވަތުރާސްގެ ފީއު ތައި ޕާޓީ އިސްވެ، ހަރަކާތްތެރިވާ ކޯލިޝަނުން އަނޫޓިންގެ ޕާޓީ ވަނީ ވަކިވެފަ އެވެ. އަދި ބޮޑުވަޒީރުކަމުގެ މަގާމު ކަށަވަރު ކުރުމަށް ބޭނުންވާ ނަމްބަރު ރައްޔިތުންގެ މަޖިލީހުގައި ވަނީ ހޯއްދަވައިފަ އެވެ. 
ނަމަވެސް ފަހަކަށް އައިސް ތައިލޭންޑުގައި ކޯޓުގެ ފިޔަވަޅުތަކާއި އަސްކަރީ ބާރުތައް ގަދަވެ، އަދި ނަތީޖާއެއްްގެ ގޮތުން ސަރުކާރުތަކެއް ވެއްޓިފައިވާތީ އަދިވެސް ނުތަނަވަސްކަމެއް ކުރިމަތިވެދާނެ އެވެ.
އަނޫޓިން ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަކީ ޝިނަވަތުރާ އާއިލާއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އެއީ 2001 ވަނަ އަހަރު ޕެޓޮންގްޓާންގެ ބައްޕާފުޅު ތަކްސިން ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ތައިލެންޑުގެ ސިޔާސީ މައިދާނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބާރަށްވާތީ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަކްސިން ގައުމުން ބޭރަށް ފުރާވަޑައިގަތުމަށް އުޅުއްވި ޕްރައިވެޓް ޖެޓަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ.
ހުކުރު ދުވަހުގެ ފަތިހު އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސްފަރުވާއަށް ދުބާއީއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު އޮންނަ އަޑުއެހުމަކަށް އެނބުރި ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެ މައްސަލާގައި އަނެއްކާ ވެސް އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިދާނެ އެވެ.
މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ އިންތިހާބުގައި ބޮޑު ބާރަކަށްވި އޭނާގެ ފިއު ތައި ޕާޓީ މިހާރު އޮތީ ސަރުކާރުން ބޭރުގަ އެވެ. އެ ޕާޓީގެ ބޮޑުވަޒީރުކަން ކުރެއްވި އެންމެ ފަހުގެ ކެންޑިޑޭޓް ޗައިކަސެމް ނިޓިސިރީ އުޅުއްވަނީ އާލާސްކަންފުޅާ އެވެ.
ތާރީހީ ގޮތުން ބަލާ އިރު، ޝިނަވަތުރާ މި ފަހުން ތަންފީޒުކުރެއްވި މަގުބޫލު ސިޔާސަތުތަކުގެ ސަބަބުން އާމްދަނީ ދަށް ފަރާތްތަކުގެ ބޮޑު ތާއީދެއް ލިބުނެވެ. ނަމަވެސް ބެންކޮކްގެ ކޮންޒަވޭޓިވް-ރޯޔަލިސްޓް އިއްޒަތްތެރިންނާ އެބައިމީހުން ދެކޮޅުހެދި އެވެ.
ތަކްސިންއަށް ފަހު ބޮޑުވަޒީރުކަން ކުރެއްވި އޭނާގެ ކޮއްކޮ ޔަންގްލަކް ވެސް ވަނީ 2006 ވަނަ އަހަރާއި 2014 ވަނަ އަހަރު އަސްކަރީ ބަގާވާތަކުން ވެރިކަމުން ދުރުކޮށްފަ އެވެ.
ޕެޓޮންގްޓާން ބޮޑުވަޒީރަކަށް ވެވަޑައިގަތް ހިސާބުން އަނެއްކާ ވެސް އެ އާއިލާގެ ބާރުވެރިކަން އިޔާދަވި އެވެ. ނަމަވެސް އެކަމަނާގެ ވެރިކަން ވެއްޓުނު ހިސާބުން އެނގޭ ކަމަކީ ކޮންޒަވޭޓިވް-ރޯޔަލިސްޓް އެލީޓްގެ ރުހުމުން އެ ބޭފުޅުންނަށް އަދި ވެސް ނެތް ކަމެކެވެ.
ޕެޓޮންގްޓާން އަކީ ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރި ތައިލެންޑުގެ ފަސް ވަނަ ބޮޑުވަޒީރެވެ. އެ އެންމެހާ ބޭފުޅުންނަކީ ވެސް އެކަމަނާގެ ބައްޕާފުޅު ތަކްސިންގެ ތާއީދު އޮތް ސަރުކާރުތަކުގެ ބޭފުޅުންނެވެ.
އެކަމަނާ އެ މަގާމާ ހަވާލުވެވަޑައިގަތީ އަހުލާގީ މައްސަލައެއް ފެންމަތިކޮށް އެކަމަނާގެ ކުރިން ހުންނެވި ބޭފުޅަކު ކޯޓުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
އަނޫޓިން،58، އަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް އަދި މަޝްވަރާ ކުރައްވާ ބޭފުޅެކެވެ. ނަމަވެސް އެއަށްވުރެ ރަނގަޅު ހާލަތެއްގައި އޭނާއަށް އެކަން ލިބުނީނަމައޭ ހިތަށްއެރި ބޭފުޅެކެވެ.
އޭނާގެ ޕާޓީ ބުމްޖައިތައީ (ފަހުރުވެރިކަމާ އެކު ތައި) އަށް ރައްޔިތުންގެ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން ލިބިފައިވަނީ އެންމެ 69 ގޮނޑި އެވެ. އެކަމުން އެނގެނީ އެމަނިކުފާނަށް ވެރިކަން ކުރެވޭނީ އެންމެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއް ޕާޓީގެ ތާއީދު އޮވެގެން ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ