ރާއްޖެއިން ދައްކައިދިނީ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ވަރުގަދަކަން: ލަންކާގެ ރައީސް

ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ދައްކައިދިނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ވަރުގަދަކަން ކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.
އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން ދިތުވާގައި ބޯކޮށް ވާރޭ ވެހި އެޤައުމުގެ އެކި އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ލަންކާއަށް ލިބިގެންދިޔަ ގެއްލުންތަކަށް އެހީވުމުގެ ގޮތުން އެހީވުމުގެ މަސައްކަތް ރައްޖެއިން ވަގުތުން ފެށިއިރު، ދިވެހި ސަރުކާރުންނާއި މީޑިއާތައް ގުޅިގެން ވަނީ އެޤައުމަށް އެހީވުމަށް ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
ލަންކާގެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަރާތުން ފޮނުއްވި ހެޔޮދުއާގެ ބަސްތަކާއި، ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އިހްސާންތެރިކަމަށް ތައުރީފްކުރައްވާފައެވެ. ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވީ އަވައްޓެރިއެއްގެ ހައިސިއްޔަތުން ދެއްކި އެއްބައިވަންތަކަމުން ވަރަށްބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެ ކަމަށާއި، ފެނިގެންމިދިޔައީ ދެޤައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުންކަމަށެވެ.
ސްރީލަންކާއަށް އެރި ތޫފާނާއި ވެހުނު ބޯވާރޭގެ ސަބަބުން އެޤައުމަށް ލިބުނު ގެއްލުންތަކަސް އެހީވުމަށް ސަރުކާރުން ވަނީ ހަމަ އެދުވަހު 50،000 ޑޮލަރާއި 25،000 މަސްދަޅުކޭސް ހަދިޔާ ކުރަން ނިންމާފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ވަނީ ރަސްމީކޮށް ފައިސާ އެޤައުމާ ހަވާލުކޮށްފައެވެ. މަސްދަޅުކޭސް ހިފައިގެން ދިޔައެސްޓީއޯގެ ބޯޓު މިހާރު ވަނީ ލަންކާއަށް ބަނދަރުކޮށްފައެވެ. 
މީގެ އިތުރުން ސްރީލަންކާއަށް އެހީވުމަށް ދިވެހި މީޑިއާތަކުން ހިންގި ތެލެތޯނަށް ރާއްޖޭގެ ރައްޔިތުންނާއި ކުންފުނިތަކުން ވަނީ 11،553،291.10 ދިވެހި ރުފިޔާ އާއި 51،088.31 ޑޮލަރުގެ އިތުރުން 20 ޔޫރޯ ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ