ޝަރީއަތް ނުނިމި ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެވެ. ވާނުވާ ބަންދު ނުވަތަ ޝަރީއަތް ނުފެށި އަދި ގޮތް ނުނިމި އެތައް ދުވަހެއް ވަންދެން ބަންދުގައި ތިބެންޖެހޭ މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިކަމަށް އިޝާރާތްކުރައްވައި މިރޭ އެމަނިކުފާނު ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިވަގުތު ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ ޝަރީޢަތްތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމި، އެ މީހުންނާމެދު ވަކި ގޮތެއް ކަނޑައެޅިގެންދާނެއެވެ.
"އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އަންނަ މާޗު މަސް ނިމެންވާއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓު މަރުހަލާތައް ނިމޭނެކަމަށް. އެއަށްފަހު ބާކީ ހުރި ހުރިހާ އެންމެންގެ ކަންކަންވެސް ކުރިއަށްދާނެ ކަމަށް އޭޖީ އޮފީހަށް ވަނީ މައުލޫމާތު ލިބިފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާުޅުވިއެވެ.
ރައީސް މިކަން ހާމަކުރެއްވި އިރު މީގެ ކުރީން ބޭއްވުނު މިފަދަ ބައްދަލުވުމެއްގައި އެމަނިކުފާނެ ވަނީ ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ ތަފްސީލްތައް ހާމަކުރައްވާފައި އެވެ. އެގޮތން ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު 347 މީހުން އެބަތިބި ކަމަށާއި އެމީހުންގެ ތެރޭގައި 29 މީހުން، މީހަކު މަރާލާފައިވާކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާއިރު 20 މީހުން ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައިކަން ރައީސް ހާމަކުރެއްވި އެވެ. އަދި 117 މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާއިރު މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި 70 މީހުން، ޑްރަގް ޓްރެފިކިންގ މައްސަލަތަކުގައި 116 މީހުން ތިބި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ވާނުވާ ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް މާޗު މަހުގެ ނިޔަލަށް ނިމޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ