ކާބަން ކައި ހުސްކުރާ ޕްލާސްޓިކެއް އުފައްދައިފި ކާބަން ކައި ހުސްކުރާ ޕްލާސްޓިކެއް އުފައްދައިފި

މިއީ ދުނިޔޭގެ މާހައުލީ ނިޒާމަށް ނުހަނު ނުރައްކާތެރި ދެ މާއްދާއެވެ. ކާބަން އާއި ޕްލާސްޓިކަކީ ވެސް އެއާ ދެކޮޅަށް މުޅި ދުނިޔެ ތެދުވެފައިވާ، ނަމަވެސް އެއާ ނުލައި ސިނާއީ ތަރައްގީގެ ދުވެލި މެކުހަށް ނުޖެހޭ ވަރަށް ޒަމާނީ ތަރައްގީއާ ގުޅިފައިވާ ދެ މާއްދާއެވެ.
ޔުނިވަސިޓީ އޮފް ކޮޕަންހޭގަންގެ ކެމިސްޓްރީ އިލްމުގެ މާހިރުން މިހާރުވަނީ، ޕްލާސްޓިކް ކުންޏަކީ ތިމާވެށި ސަލާމަތްކުރާ ބޭނުންތެރި އެއްޗަކަށް ހެދޭނެ އައު ގޮތެއް ހޯދައިފައެވެ. ސައެންސްވެރިން ބުނާ ގޮތުގައި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކަކީ، އޯޒޯން ފަށަލަ ތުނިވުމަށް މެދުވެރިވާ މައިގަނޑު މާއްދާ ކަމަށްވާ ކާބަން ޑައިއޮކްސައިޑް ކައި ހުސްކުރާ އެއްޗަކަށް ބަދަލުކޮށްލެވިދާނެއެވެ.
މުގުރައިގެން ކުދިކުދިކޮށް ނައްތައިލާ ޕްލާސްޓިކް ކުންޏާއި ބާ ފޮއްޗަކީ ވެސް، ތިމާވެށި ސަލާމަތްކުރުމަށް ބޭނުންކުރާ އާލާތަކަށް ބަދަލުކޮށްލެވޭނެ ގޮތް ވުމަކީ، ސައެންސްވެރިން ބުނާ ގޮތުގައި ނުވަތަ އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރައިލުން ފަދަ ކަމެކެވެ. އަދި މިއީ ހަކަތައާ ރަހުމަތްތެރި، ހިނގާ ހަރަދާއި ލިބޭ މަންފާއާ އަޅައި ބަލާއިރު މަންފާ އިތުރު، އަދި މަސައްކަތް ލުއި ކެމެއްމެއެވެ.
ޖައްވުގެ ތެރެއަށް ދޫކުރާ ކާބަން ޑައިއޮކްސައިޑްގެ ސަބަބުން ދުނިޔެ ހޫނުވަމުން ދާއިރު، އެފަދަ ވިހަ ދުންތައް ބޭރުވާ މިންވަރު މަދުކުރުމަށް އެދި، ސައެންސްވެރިންނާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން، ސަރުކާރުތަކަށް ކުރިމަތިކުރާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. އޭގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ އުފެއްދުންތައް އަތު ޖެހުނުހާ ތަނަކަށް އުކުމުގެ އާދަ ހަރުލާފައި ހުރުމުން، ކަނޑުތަކާއި ކޯރުތަކާއި ކުޅިތައް ދަނީ ތަގައްޔަރުވަމުންނެވެ.
މި ކަންކަމަށް ރިއާޔަތްކޮށް އެތައް އަހަރެއްގެ ދިރާސާތަކާއި ވިސްނުންތަކުގެ އަލީގައި ޔުނިވަސިޓީ އޮފް ކޮޕަންހޭގަންގެ ކެމިސްޓްރީ އިލްމުވެރިން އަލަށް އީޖާދުކުރި ބައޭޓާ (BAETA)ގެ ސަބަބުން، މިހާތަނަށް ކުނީގެ ގޮތުގައި ބަލަމުން އައި އެތައް އެއްޗެއް، އަގު ބޮޑު ކަންޒަކަށް ވެގެންދާނެއެވެ.
"ޕްލާސްޓިކް ބަދަލުކޮށްލުމަށް އަލަށް މި ކުރެވުނު އީޖާދުގެ އެންމެ ނަލަ ކަމަކީ، އިތުރު މައްސަލައެއް އުފަން ނުވެ، ދެ މައްސަލަ އެކުގައި ހައްލުކުރެވޭނެ ގޮތް ވުން. ކުންޏެއްގެ ގޮތުގައި ބަލަމުން އައި އެއްޗެއް، ގްރީން ހައުސް ގޭސްތަ މަދުކޮށްދޭނެ ރޯ މެޓީރިއަލަކަށް ބަދަލުކޮށްލެވޭނެ ގޮތްވުމުން، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ތިމާވެށީގެ މައްސަލަތަކަކީ، ދުނިޔެ ހޫނުވުމުގެ މައްސަލަ ހައްލުކޮށްދޭނެ ވަސީލަތަކަށް ވެގެންދާނެ،" ޔުނިވަސިޓީ އޮފް ކޮޕަންހޭގަންގެ ކެމިސްޓްރީ ޑިޕާޓްމަންޓްގެ މަރްގަރީތާ ޕޮދްރީތު ވިދާޅުވިއެވެ.
މި ދިރާސާގައި އިސް ދައުރެއް އަދާކުރެއްވި މަރްގަރީތާ ވިދާޅުވާ ގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކަށް އިތުރު ކެމިކަލްތަކެއް އެއްކޮށްގެން އަލަށް މިއުފެއްދި މާއްދާއަށް ދީފައިވާ ނަމަކީ ބައޭޓާ (BAETA) އެވެ. ބައޭޓާއަކީ، ވައިގެ ތެރޭގައި ހުންނަ ކާބަން ޑައިއޮކްސައިޑް ވަރަށް ބަރާބަރަށް އެއަށް ދަމައިގަންނަ އެއްޗެއް ކަމަށް މަރްގަރީތާ ވިދާޅުވިއެވެ.
އެހެންކަމުން ބައޭޓާއަކީ، ވައިގެ ތެރޭގައި ހުންނަ ކާބަން ޑައިއޮކްސައިޑާއި އެނޫން ވިހަ ގޭސްތައް ދަމައިގަނެ އަތުލުމަށް މިހާތަނަށް ބޭނުންކުރަމުން އައި ޓެކްނޮލޮޖީތަކާ އަޅައި ބަލާއިރު، މާ ފުރިހަމައަށް މަސައްކަތް ކުރާ މާއްދާއެކެވެ. ސައެންޓިސްޓުން ބުނާ ގޮތުގައި، ބައޭޓާ ޓެކްނޮލޮޖީ އެންމެ ފުރަތަމަ ގާއިމުކުރަންވީ، ބޮޑެތި ދުންހޮޅިތަކުގެ ޒަރީއާއިން ވައިގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ ކާރުހާނާތަކުގައި ބޭނުންކުރާ މެޝިންތަކާއި ޖަރަނޭޓަރުތަކުގައެވެ.
އޭރުން އެފަދަ މެޝިންތަކުން އުފެދޭ ދުންތައް ވައިގެ ތެރެއަށް ނުކުންނާނީ، އޭގައި ހިމެނޭ ހުރިހާ ދެއްޔާއި ގެދަބުޅި ދަމައި ހުސްކުރުމަށް ފަހު، ސާފު ވައިގެ ގޮތުގައެވެ. މިއީ ސިނާއީ އުފެއްދުންތެރިކަމުގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ކާރުހާނަތައް ހިންގާ ކުންފުނިތަކަށް ލިބުނު ވަރަށް އުފާވެރި ހަބަރަކަށް ވާނެއެވެ. އެއީ އެ ކާރުހާނާތައް މިހާރު ވެސް ހިންގާ ގޮތަށް ހިންގަމުން، ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ހެދި އެ ކާރުހާނާތައް ބަދުނާމުވުން ހުއްޓޭނެތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ