ސ. ފޭދޫ ޓޫރިޒަމް ޒޯނު ތަރައްގީކުރުމުގެ މަސައްކަތަށް ސިޔާސީ ހިޔަނި އެޅި، ބީއެމްއެލްއިން ދޭން ސޮއިކުރި 200 މިލިއަން ރުފިޔާގެ ލޯނު, ސަބަބެއް ބުނުމެއް ނެތި ހުއްޓިފައިވާ ކަމަށް އެ ތަނުގެ އިންވެސްޓަރުންގެ ތެރެއިން އިސްކޮށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ހަސަން ސައީދު މިހެން ވިދާޅުވީ އައްޑޫގެ ފޭދޫ، ހުޅުދޫ އާއި މީދޫގައި ވަކިވަކި ކައުންސިލުތައް އުފައްދަން ފެނޭތޯ ބަލަން ނަގާ ވޯޓާ ގުޅިގެން އޭނާ އާންމުކުރެއްވި ހުޅުވާލެވިފައިވާ ސިޓީއެއްގަ އެވެ. މި ސިޓީގައި އޭނާ ވަނީ ބައިބައިވާން ކުރާ މަސައްކަތުގެ ސަބަބުން ޓޫރިޒަމް ޕްރޮޖެކްޓުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ލުއި ލޯނުތަކުގެ މައްސަލައަކީ އޭގެ ތެރެއިން ހަސަން ސައީދު ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލަ އެވެ. އޭނާ ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން 200 މިލިއަން ރުފިޔާގެ ލޯނު ދޭން ދިވެހި ސަރުކާރާއި ބީއެމްއެލް އާއި ޑިވެލޮޕަރުންނާ އެއްބަސްވެ، ލިޔެކިޔުންތަކުގައި ސޮއިކުރި ނަމަވެސް ލޯނު ފައިސާ ނުލިބޭ ކަމަށެވެ.
"ނަމަވެސް އެ ލޯނުގެ ކަންކަން ސަރުކާރުގެ ތެރޭގައި ވަނީ މަޑުޖެހިފަ. ސަބަބެއް ބުނެއެއް ނުދޭ. ސިޔާސީ، އިގުތިސާދީ، އަދި އިޖްތިމާޢީ ގޮތުން ބެލިނަމަވެސް މި މަޝްރޫއުން ކުރާ ފައިދާ ބޮޑުވާއިރު ލޯނު ހުއްޓެން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ" ހަސަން ސައީދު ވިދާޅުވި އެވެ.
އައްޑޫ ފޭދޫ ޓޫރިޒަމް ޒޯނުގައި އަންނަ އަހަރު 536 އެނދު (268 ކޮޓަރި) ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. މި ތަންތަން ހުޅުވާއިރު، އެ ތަނުގައި ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ރެސްޓޯރެންޓް އަދި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ، ޑައިވިން ސެންޓަރު، ވޯޓަ ސްޕޯޓްސް އަދި އެހެނިހެން ހިދުމަތްތައް ގާއިމުކުރެވޭނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.
ޑިވެލޮޕަރުން ވަނީ އޮޕަރޭޝަންތައް ފެށުމުގެ ގޮތުން، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށާއި އިންފާރު ރޭނުމަށާއި ބީޗު ހެދުން ފަދަ ކަންކަމަށް ވެސް އަމިއްލަ ޖީބުން ހަރަދުކުރަން ތައްޔާރުވެ، އައްޑޫ ސިޓީ ކައުންސިލާއެކީ އެއްބަސްވުންތައް ހަދާފަ އެވެ.
ނަމަވެސް ވަކި ކައުންސިލެއް އުފައްދައިފި ހާލަތެއްގައި މިކަންކަން މަޑުޖެހި، އިންވެސްޓަރުންނަށް އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ ކަންބޮޑުވުން ހަސަން ސައީދު ހިއްސާކުރެއްވި އެވެ.
އައްޑޫ ފޭދޫގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްތަކުގެ ޓޫރިޒަމް ޒޯނުތަކުގައި ވެސް ގިނަ އިންވެސްޓުތަކެއް ފަށައިގެން އަންނަނީ ގެސްޓުހައުސްތައް ތަަރައްގީކުރަމުންނެވެ. ހަސަން ސައީދު ވިދާޅުވީ މި ހުރިހާ ޕްރޮޖެކްޓެއް ވެސް ހިންގަނީ އައްޑޫ މީހުން ކަމަށެވެ.
ފޭދޫ ޓޫރިޒަމަށް ސިޔާސީ ހިޔަނި، ބީއެމްއެލްއިން ދޭން ބުނި 200 މިލިއަނުގެ ލޯނުތައް ހުއްޓުވާފައި ފޭދޫ ޓޫރިޒަމަށް ސިޔާސީ ހިޔަނި، ބީއެމްއެލްއިން ދޭން ބުނި 200 މިލިއަނުގެ ލޯނުތައް ހުއްޓުވާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ