ތާރީޚީ މައުލޫމާތު އެއްކުރުމަށް އުމުރުން ދުވަސްވީ މީހުންގެ އިންޓަވިއު ނަގަން ފަށަނީ

ރާއްޖޭގެ ތާރީޚީ މައުލޫމާތު އެއްކުރުމަށް ޓަކައި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފްގެ ސުވާލަށް ޖަވާބުދެއްވަމުން ނަސީރު ވިދާޅުވީ، ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން 70 އަށްވުރެ ގިނަ ކައުންސިލަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހީންގެ ތާރީޚު ރައްކާކުރުމަށް ޓަކައި 50 އަހަރުންމަތީ، ނުވަތަ 60 އަހަރުންމަތީ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުން މުހިންމު ކަމަށެވެ. "މީގެ މައިގަނޑު ބޭނުމަކީ އަޅުގަނޑުމެންގެ މި ދާއިރާގެ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ ޑާޓާ އެއްކުރުން، އެއީ ދިވެހީންގެ އަސްލުތައް ރައްކާތެރިކޮށް ފްރޭމްކުރުމަށްޓަކައި ބޭނުންވާނެ އެއްޗެހިތަކެއް މިއީ،" އޭނާ ވިދާޅުވިއެވެ. މި މަސައްކަތް އަމަލީ ގޮތުން އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ނަސީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ