ޕްރެޝަރު މަތިވަނީތަ؟ އެއް ގަޑިއެއްގައި ނިދަން އާދަކޮށްބަލަ! ޕްރެޝަރު މަތިވަނީތަ؟ އެއް ގަޑިއެއްގައި ނިދަން އާދަކޮށްބަލަ!

ގުނައި އަދަދު ނުކުރެވޭހައި ގިނަ ސަބަބުތަކަކާ ހުރެ، ލޭގެ ޕްރެޝަރު މައްޗަށް ދިޔުމަކީ ކޮންމެ މުޖްތަމައެއްގައި ވެސް މިހާރު އާންމު ކަމެކެވެ. މުސްކުޅިންނާއި މެދުއުރުމުގެ މީހުން އަދި ޒުވާނުންގެ މެދުގައި ވެސް މި މައްސަލަ މިހާރު އެބަ އޮތެވެ. އެކި މީހުންގެ ޕްރެޝަރު މައްޗަށް ދަނީ އެކި ސަބަބުތަކާ ހެދިއެވެ.
ސްލީޕް އެޑްވާންސަސް ކިޔާ ޖާނަލްއެއްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ކޮންމެ ރެޔަކު ވެސް އެއް ގަޑިއެއްގައި ނިދަން އާދަކުރުމަކީ، އަނެއް ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފަހައްޓައިދޭ ކަމެކެވެ. މި ދިރާސާ ހަދާފައިވަނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންތަކެއް ބައިވެރިކޮށްގެންނެވެ.
މި ދިރާސާގައި ބައިވެރިވި މީހުންނަކީ ނިދުމުގައި ވަކި ހާއްސަ ވަގުތެއް ކަނޑައަޅައިގެން އެކަން ކުރާ ބައެއް ނޫނެވެ. މި މީހުން ނިދަނީ އެކި ރޭ އެކި ވަގުތުގައެވެ. ދިރާސާ ފެށުމުގެ ކުރިން، އެމީހުންގެ ލޭގެ ޕްރެޝަރު ހުރި މިންވަރު ބަލައި ފާހަގަކުރިއެވެ. އެއަށް ފަހު، ދެ ހަފުތާ ވަންދެން ކޮންމެ ރެއަކު ވެސް އެއް ގަޑިއެއްގައި ނިދަން އޮށޯވެ ނިދަންޖެހެއެވެ.
ދެ ހަފުތާ ފަހުން އެމީހުންގެ ލޭގެ ޕްރެޝަރު ހުރި މިންވަރު ބެލި އިރު، ދިރާސާ ފެށިއިރު ލޭގެ ޕްރެޝަރު ހުރި މިންވަރާ އަޅައި ބަލާއިރު، ފާހަގަކުރެވޭ މިންވަރަކަށް ޕްރެޝަރު ހުރީ ދަށްވެފައެވެ. ސައެންސްވެރިން ބުނާ ގޮތުގައި އިންސާނާގެ ހިތުގެ ހިނގުމާއި ލޭ ދައުރުކުރުމުގެ ނިޒާމާއި ލޭގެ ޕްރެޝަރަކީ، އެމީހެއްގެ ނިދައި ހޭލުމުގެ ނިޒާމާއި އެމީހެއްގެ އެތެރެ ހަށީގެ ތަބީއީ ގަޑިއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަންކަމެވެ.
މި ކަމުގެ ނަތީޖާއެއްގެ ގޮތުން، އާދަކޮށް އެއް ގަޑިއެއްގައި ނިދުމުން އެމީހެއްގެ އެތެރެ ހަށީގެ ގުނަވަންތަކުގެ ނިޒާމުތަކަށް ބުރޫ އަރާ މިންވަރު ކުޑަވެއެވެ. އޭގެ ސަބަބުން އެމީހަކަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ވެސް އެތައް ގުނައެއް މަދުވެއެވެ.
އޮރިގަން އިންސްޓިޓިއުޓް އޮފް އޮކިޔުޕޭޝަނަލް ހެލްތު ސައެންސަސްގެ ދިރާސާ ޓީމަކުން ކުރި މި ދިރާސާގައި ބުނެފައިވާ ގޮތުން އާދަކޮށް ކޮންމެ ރެއަކު ވެސް އެއް ވަގުތެއްގައި ނިދަން އޮށޯވެ ނިދި ފުރިހަމަކުރުމުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ ލޭގެ ޕްރެޝަރު ދަށުގައި ހިފަހައްޓައިދެއެވެ. މި ގޮތަށް ނިދުމުގެ އިންތިޒާމު ހަމަޖެއްސުމުން ލޭގެ ޕްރެޝަރަށް އެ އަންނަ ހެޔޮ ބަދަލަކީ، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމުން ނުވަތަ ކަސްރަތު ކުރުމުން ލިބޭ ފަދަ ހެޔޮ ބަދަލުތަކެކެވެ. އަދި އެއީ ހިތުގެ ސީރިއަސް ބައްޔެއް ޖެހުމުގެ ނުރައްކާ 10 ޕަސެންޓް ކުޑަކޮށްދޭ ކަމެކެވެ.
ނިދުމަކީ ހިތުގެ ހިނގުމުގެ ނިޒާމަށް ބުރޫ އެރިޔަނުދިނުމަށްޓަކައި، ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ. އޭގެ އިތުރުން ވެސް، ނިދުމަކީ ސިއްހީ އެތައް ފައިދާތަކަކާ ގުޅިފައިވާ ކަމެކެވެ. ހަމައެކަނި ނިދުމެއް ނޫނެވެ. އެކަށީގެންވާ މިންވަރަށް ނިދުމާއި، ރަނގަޅު ފުން ނިންޖަކުން ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެމީހަކު ނިދާ ތަނެއްގެ ހުރިހާ އަލިތަކެއް ނިވާލައި އަނދިރިކޮށްލުމުން، ނިދުމުގެ ހަގީގީ ފައިދާ ލިބޭ ކަމަށް ސައެންސްވެރިން ބުނެއެވެ.
ވަކި ހަމައެއް ނެތި އެކި ރޭ އެކި ވަގުތުގައި ނިދުމަކީ ސިއްހީ ގޮތުން ނުހަނު ގެއްލުން ހުރި ކަމެއް ކަމަށް މި ދިރާސާގެ ސައެންސްވެރިން ބުނެއެވެ. ހަށިގަނޑުގެ އާންމު ދުޅަހެޔޮކަން ގެއްލި، ލޭގެ ޕްރެޝަރު ހަމައިން ނެއްޓުމަށް މެދުވެރިވާ ކަމެކެވެ. މިއީ ގިނަ މީހުންނަށް މިކަމުގެ ނުރައްކާތެރިކަން ވަޒަން ނުކުރެވޭ ކަމެކެވެ. ހާއްސަކޮށް މެދު އުމުރުގެ މީހުންނަށާއި އިއްދައިން ކެނޑެން ކައިރިވެފައިވާ އަންހެނުންނަށާއި އިއްދައިން ކެނޑިފައިވާ އަންހެނުންނަށް މިކަމުގެ ނުރައްކާތައް ވަކިން ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ