މާލެ ފެނުއަޑީގައި އޮތްއިރު، ކުރިއަށް އޮތީ ވެސް ވިއްސާރަ
މިއަދު މާލެއަށް ވެހެމުން އަންނަ ވާރޭގައި ފެންބޮޑުވެފައިވާއިރު، އަދިވެސް ކުރިއަށް އޮތީ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ބުނެފިއެވެ. އެ އިދާރާއިން ބުނީ، މާދަމާ ހެނދުނު 06:00ގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން، ބައެއް ގެތަކަށް ފެންވަދެފައިވެއެވެ. އެހެންވެ، އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ސާޅިސް މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ. އޭގެއިތުރަށް، މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެކަން އެ އިދާރާއިން ފާހަގަކުރިއެވެ. https://x.com/MetMaldives/status/1993730537257881925 މެޓުން ބުނި ގޮތުގައި، މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ކަމަށްވާއިރު، އުތުރާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ހަ ފޫޓާ ދެމެދުގައެވެ. އެ އިދާރާއިން ވަނީ، ބ އަތޮޅުން ފެށިގެން މ. އަތޮޅަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ، މިރޭ 22:30 އިން ފެށިގެން 02:30ގެ ނިޔަލަށެވެ. މެޓުން ބުނީ, މި ވިއްސާރަ އަލިވާނީ އަންނަ ހޯމައިގެ ފަހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ