އަލިފާާނުގެ ހާދިސާއެއްގައި ބަންގްލަދޭޝްގެ ދޮޅުހާސް ގެ އަނދައިފި

ދާކާ (26 ނޮވެންބަރު 2025) : ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދާކާގެ ދޮޅު ހާހަށްވުރެގިނަ ގެ އަނދައި ހުލިވެއްޖެއެވެ. ބަންގްލަދޭޝްގެ މީޑިއާ ބުނާގޮތުން އަލިފާނުގެ ހާދިސާ ހިނގީ ދާކާގައި ފަގީރުން ދިރިއުޅޭ ސަރަޙައްދެއް ކަމަށްވާ ކޯރައިލް ސަރަޙައްދުގައެވެ. މިއީ މީހުން ބައިބޯ ސްލަމް ސަރަހައްދެކެވެ. މިއީ ދާކާގެ މުއްސަނދިން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ މޮޚަޚާލީ ގުލްޝަން އަވަށުގެ ކައިރީގައި އޮންނަ ސްލަމް ސަރަޙައްދެކެވެ. މިސަރަހައްދުގެ ގެތަށް ހުންނަނީ ފަނާއި ލަކުޑިއާއި ޓިނުންނެވެ. އަލިފާނުގެ ހާދިސާގައި ދޮޅު ހާހެއްހާ ގެ ވަރަށް އަވަހަށް އަނދައި ހުލިވީ ފަނާއި ލަކުޑިއާއި ޓިނުން ގެތަށް ހުރުމުންކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގެ ސަބަބުން އެތަށް ހާސްބަޔަކުވަނީ ގެދޮރުގެއްލި މަގުމަތިވެފައެވެ. ގެދޮރު ގެއްލުނު މީހުންގެ އަދަދު އަދި މުޅިންސާފު ނުވެއެވެ. އަލިފާނުގެ ސަބަބުން ގެތަކުގައިވާ އަތްފައިޖަހާ ސާމާނާއި ލިޔުންތަކާއި އަންނައުނާއި ފައިސާވެސް ވަނީ އަނދައިގެން ގޮސްފައެވެ. ނަމަވެސް މަދުތަކެތިވަނީ ސަލާމަތް ކުރެވިފައެވެ. އެއީ މިހާލަތުގައި ގެއިން ނުކުންނަން ޖެހުމުން އަތުން ގެންދެވޭ ބާވަތުގެ ތަކެއްޗެވެ. މިތަކެތިވެސް ނެރެވުނުކަމަށްވަނީ މަދުގެއަކުންނެވެ. ކޯރައިލް އަވަށް ނުވަތަ ކޯރައިލް ސްލަމް ސަރަޙައްދަކީ މަގުތައް ވަރަށް ހަނި އަދި އެއްވެސް ޕްލޭނެއްނެތި ޖިފުޑިތައް އިމާރާތްކޮށްފައިވާ ސަރަހައްދެއްކަމުން އަލިފާން ނިއްވާ ލޮރީތައް އެތަނަށް ދިޔުންވީ ބޮޑު ގޮންޖެހުމަކަށެވެ. އަލިފާންގަނޑު ބޮޑަށް ފެތުރުނީ މިކަމުގެ ސަބަބުންކަމަށް ބަންގްލަދޭޝްގެ މަދަނީ ދިފާއާބެހޭ މަސްއޫލުވެރިއެއް ކަމަށްވާ ތަލްހާ ބިން ޖާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ގޯޅިތައް ހަނިކަމުން އަލިފާން ނިއްވާ ލޮރީތަލަށް އަލިފާން ރޯވެފައިވާ ސަރަޙައްދަށް ދެވުނީ ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރުނު ފަހުންނެވެ. މިހާދިސާގައި ބައެއް މީހުން ޒަޚަމްވިނަމަވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އުސް އިމާރާތް ހުރި ސަރަހައްދަކަށް ނުވެފައި ސްލަމް ސަރަހައްދެއްކަމުން އަލިފާނުގެ ހާދިސާއާއެކު ވަރަށް ފަސޭހައިން މީހުންވަނީ ގެތަކުން ނުކުމެ ރައްކާތެރި ތަންތަނަށް ގޮސްފައެވެ. ގެތަށް އެނދިނަމަވެސް މީހުންގެ ފުރާނަ ސަލާމަތް ކުރެވުނީ މިހެންވެކަމަށް ޖާސިމް ވިދާޅުވިއެވެ. އަލިފާން ރޯވެފައިވާ ސަރަހައްދު ބޮޑުކަމުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަތަރު ވަރަކަށް ގަޑީއިރު ހޭދަވިކަމަށް ޚަބަރުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ