ހަތް އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެ ވަނަ މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
ނިއު އިން 2019ގެ ފަހުން ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން، ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވީ، 6-0 އިންނެވެ. އަދި، ދެ ވަނަ މެޗުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވިއިރު، ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ޔުނައިޓެޑް ވިކްޓަރީ ވަނީ ފުރަތަމަ މެޗުގައި، އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭގެ މެޗަށް ނުކުތްއިރު، ނިއުއާ ހަވާލުވެ ހުރީ އަލީ ސުޒޭން އެވެ. އަދި، ޔުނައިޓެޑް ވިކްޓަރީ އަށް އިރުޝާދުދެމުން އައީ، ސުޒޭންގެ ކޮއްކޮ، މުހައްމަދު ނަޒީހު އެވެ. މީގެ ކުރިން، ވެސް ސުޒޭން އާއި ނަޒީހު ހަވާލުވެ ހުރި ޓީމުތައް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވަނީ ބައްދަލުކޮށްފަ އެވެ. އެކަމަކު، މިއީ، ވިކްޓަރީ ސްޕޯޓްސް ކްލަބުން މަގުބޫލުކަން ހޯދި ސުޒޭން، ނިއުއާ އެކު ފެންނަ ފުރަތަމަ ފަހަރެވެ.
ނިއު އިން މިރޭގެ މެޗުގައި ލީޑުނެގި ލަނޑަކީ ދެ ވަނަ ހާފުގައި ހިލޭ ޖެހުމަކުން، އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލެކެެވެ. ލީގުގައި ޓީސީއާ އެކު ކުޅުނު މެޗުގައި ވެސް ސެންޓޭ ވަނީ ހިލޭ ޖެހުމުން ގޯލު ޖަހައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ނިއު އިން ދެ ވަނަ ލަނޑު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ އެވެ. މިއީ، ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަހަކުން، ޑަ ސިލްވާ ބޮލުން ޖެހި ގޯލެކެވެ. ޑަ ސިލްވާ ވެސް މި ވަނީ ނިއު އަށް ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ވެސް މި މެޗުގައި ލަނޑު ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް ޝަނާން ރަޝާދު އާއި ބަދަލަކަށް ކުޅެން އެރި އިޝްއާފް މުހައްމަދު ފިރާގަށް ލިބުނު ފުރުސަތުތަކުގައި މާ ރަނގަޅަށް ފޮނުވާނުލެވުނެވެ.
ލީގުގައި ފުރަތަމަ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވަނީ، ނިއުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއުގެ ވަރުގަދަ ފެށުން ކުރިއަށް ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއުގެ ވަރުގަދަ ފެށުން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ