ފިލްމީ ދާއިރާގެ 8000 މީހުން ސޮއިކޮށް އިސްރާއީލާއި ދެކޮޅު ޕެޓިޝަނެއް

ފިލްމީ ދާއިރާގެ 8000 މީހުން، އިސްރާއީލާއި ދެކޮޅަށް މަސައްކަތްކުރުމަށް ވަޢުދުވެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ (ޖެނޮސައިޑް) ހުއްޓުވުމަށް ގޮވާލައި، "ފިލްމް ވޯކަރސް ފޯ ފަލަސްޓައިން" ގެ ނަމުގައި 8000 އަށްވުރެ ގިނަ ފިލްމް މޭކަރުންނާއި ސިނަމާ މަސައްކަތްތެރިން ވަނީ އަހުދުވެފައެވެ.
އޭގެތެރޭގައި، އަނިޔާވެރި އިސްރާއީލީ ކުންފުނިތަކާއި މުއައްސަސާތަކާއެކު މަސައްކަތް ނުކުރުމަށް ބައިނަލްއަގުވާމީ އެކްޓަރުންނާއި، ޑިރެކްޓަރުންނާއި އަދި ފިލްމް މޭކަރުން ހިމެނޭހެން ވަނީ ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި އޮސްކާ، ބާފްޓާ، އެމީ އަދި ކާން ފިލްމް ފެސްޓިވަލްގެ އެވޯޑް ލިބިފައިވާ ފަރާތްތައް ހިމެނެއެވެ.
މި ޕެޓިޝަނަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައާއި، އިސްރާއީލުގެ ޖެނޮސައިޑަލް ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް އަނގަބަންދުކުރުމުގެ މަސައްކަތްތަކާ ދެކޮޅަށް އެއްވެ، އިންތިޒާމުވެ މަސައްކަތްކުރުމަށް މަގުފަހިކުރުމަށް އުފެދިފައިވާ ހަރަކާތެކެވެ.
މައިގަނޑު މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންގެ އަޑު އުފުލައި، އެ މީހުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމާ ދެކޮޅަށް ބަސްބުނުމުގެ މިނިވަންކަން ހޯދައިދިނުންކަމަށް އެޕެޓިޝަންގައި ބުނެފައިވެއެވެ.
މި ހަރަކާތުގެ ދަށުން، ފިލްމް އިންޑަސްޓްރީގެ މަސައްކަތްތެރިން އެއްވެ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކާއި، އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަޑު މަޑުކުރުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް މި ހަރަކާތުން ވަކާލާތުކުރަމުންދާއިރު، ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މި ޕެޓިޝަން ފުރަތަމަ ޝާއިއުކުރެވުނީ މި ސެޕްޓެމްބަރު 8 ގައެވެ. ހަމަ އެދުވަހު، އޮލިވިއާ ކޯލްމަން، މާކް ރުފަލޯ، ރިޒް އަހްމަދް، ޓިލްޑާ ސްވިންޓަން، ޖަވިއަރ ބާޑެމް އަދި ސޫސަން ސަރަންޑަން ފަދަ މަޝްހޫރު ތަރިންގެ އިތުރުން ޔޯގޯސް ލަންތިމޯސް، އަވާ ޑުވަރްނޭ އަދި އާދަމް މެކޭ ފަދަ ޑިރެކްޓަރުން ހިމެނޭގޮތަށް 1300 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ސޮއިކޮށްފައެވެ.
މި ޕެޓިޝަންގައި އިސްރާއީލުގެ ފިލްމް މުއައްސަސާތަކާއި، ފެސްޓިވަލްތަކާއި، ސިނަމާތަކާއި، ބްރޯޑްކާސްޓަރުންނާއި އަދި ޕްރޮޑަކްޝަން ކުންފުނިތަކާއެކު މަސައްކަތްކުރުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. އަދި ސިނަމާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން، އާންމު ރައްޔިތުންގެ ޚިޔާލު ބައްޓަންކުރުމުގައި ފިލްމުގެ ބާރު ފޯރުވޭކަން ފާހަގަކޮށްފައިވެއެވެ.
ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ކޯޓުން، ޣައްޒާގައި ޖެނޮސައިޑްގެ ނުރައްކާ އޮތްކަމަށް ކަނޑައަޅާފައިވާކަމާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ އޮކިއުޕޭޝަނާއި އަޕާޓައިޑްގެ ސިޔާސަތަކީ ޤާނޫނާ ޚިލާފު ކަންކަން ކަމުގައިވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ