އީއައިއޭ ނުހަދައި 21 ރަށެއްގެ އިންޖީނުގެ ހެދުމުން ފެނަކައަށް 4 މިލިއަންގެ ޖޫރިމަނާއެެއް

ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ނުހަދާ 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވާތީ، ފެނަކަ ކޯޕަރޭޝަން 4 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް، ފެނަކަ އިން 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ އެ އިދާރާ އިން ބަލާފައިވާ ކަމަށެވެ.
ތަފްސީލް - އީޕީއޭ އިން ބުނީ އެ މައްސަލައާ ގުޅިގެން އެ އިދާރާ އެއްކުރި މައުލޫމާތާއި ފެނަކަ އާއި އީޕީއޭއާ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކަށް ބަލާއިރު، އީއައިއޭ ފުރިހަމަނުކޮށް 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
އީޕީއޭ އިން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން:
ބައެއް ރަށްރަށުގެ އިންޖީނުގެ މަސައްކަތްތައް ކުރުމުގެ ތެރޭގައި 25 ފަހަރަށް ވެސް ފެނަކަ އިން ވަނީ ގަވައިދާ ހިލާފުވެފައި
މީގެ ކުރިން ވެސް، އީއައިއޭ ފުރިހަމަނުކޮށް މަސައްކަތް ފަށައިގެން ހަ ފަހަރެއްގެ މަތިން ފެނަކަ ވަނީ ޖޫރިމަނާކޮށްފައި
އީއައިއޭ ނުހަދާ މަސައްކަތް ފެށުމުން ފެނަކަ ޖޫރިމަނާ ކޮށްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ)ގެ ދަށުންނެވެ. އެގޮތުން:
މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ވަނީ އަންގާފައި
ހުރިހާ މަޝްރޫއެއް ވެސް އީއައިއޭ ހެދުމަށް ފަހު ގަވައިދުގެ މަތިން ކުރިއަށް ގެންދަން ވެސް ވަނީ އަންގާފައި
އެނގުން މުހިންމު - ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އިންތިގާލީ މަރުހަލާގައި އެ އޮފީހުން އެއްކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ފެނަކައިގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާއަށް އަރާއިރު، އަހަރު ނިމުމުން ތައްޔާރު ކުރަން ޖެހޭ މާލީ ރިޕޯޓު ވެސް ހަދާފައެއް ނުވެ އެވެ.
ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ފެނަކައިގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން އިންތިގާލީ އޮފީހުން އޭރު ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު:
މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ދަރަނި 4.1 ބިލިއަނަަށް އަރާ
އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހިމެނޭ
1،149 ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ
ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، ނުދައްކާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 958 މިލިއަން ރުފިޔާ ހިމެނޭ
ކުންފުނިން ނަގާފައިވާ ލޯނުގެ އަދަދު 901 މިލިއަނަށް އަރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ