މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތު 17 ނޮވެމްބަރުގެ ހަވީރު ޖުމްހޫރީ މައިދާނުގައި

އިންތިހާބީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 17 ނޮވެމްބަރުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް އާންމު އުސޫލުގެ މަތިން ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށާއި އެހެން ނަމަވެސް އިންތިހާބީ ރައީސްގެ އެދިލެއްވުންތަކަށް ކޭޓާ ކޮށްދެމުންދާ ކަމަށެވެ.
"މިހާތަނަށް މަޝްވަރާ ކުރެވިފައި ވަނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާވެސް އިޝާރާތް ކުރައްވާފައިވާ ފަދައިން ޖުމްހޫރީ މައިދާނުގައި މި ދަރުބާރު ބޭއްވުމަށް. މިހާރު މަޝްވަރާ ކުރެވުފައިވާ ގަޑިއަކީ 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި މި ދަރުބާރު ކުރިއަށް ގެންދިއުމަށް." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިހާރު އެގޮތަށް މަޝްވާރާ ކުރެވުނު ނަމަވެސް، މޫސުމަށް ބަލައި ބައެއް ބަދަލުތައް އައުން އެކަށީގެންވާ ކަމަށެވެ.
މަޖިލީހުން 17 ނޮވެމްބަރުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ތައްޔާރުވަމުންދާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށާއި އެކަމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ނޮވެމްބަރު 11 އަކީ ރާއްޖޭގެ ތާރީހުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް ކަމަށާއި ގާނޫނީ ގޮތުން ހުރަހެއް ނެތް ނަމަ، ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނީ އެދުވަހު ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ