ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވަން ގާސިމް ރަސްމީކޮށް ނިންމަވައިފި

އަންނަ ސެޕްޓެމްބަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކުރައްވާނެ ކަަން ރަސްމީކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަންގަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ފެބްރުއަރީ 19 ވަނަ ދުވަހު ދެއްވި ދައުވަތަށް ގާސިމް ޖަވާބު ދެއްވީ އިއްޔެ އެވެ. އެގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް އެޕާޓީން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ރައީސް ސޯލިހް ރައީސް ކަމަށް ގެނައުމަށް ޖޭޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮވުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ޕާޓީން މަސައްކަތް ކުރި ގޮތަށް އެމްޑީޕީގެ ދެ ކެންޑިޑޭޓުންވެސް ދެ ފަހަރުވެސް އިންތިހާބު ވެފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ.
އެ ދެފަހަރުވެސް ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދުކުރީ ރާއްޖޭގެ ސަރަހައްދާއި މިނިވަންކަމާއި އިސްތިގުލާލާއި ދިވެހިންގެ ދީން ރައްކާތެރިކުރުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭރު އެމްޑީޕީގެ ކެންޑިޑޭޓުންތައް ތާއީދުކުރެއްވީ ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓްތަކާއި ރާއްޖޭގެ އިގުތިސާދު ހިމާޔަތްކޮށް ކުރިއަރުވައި ރައްޔިތުންގެ މެދުގައި އިންސާފު ގާއިމުކޮށް ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް ގައުމަށް ތަރައްގީއާއި ކުރިއެރުން ގެނެސްދީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ ދިން ޔަގީންކަމުގެ މައްޗަށެވެ.
"ނަމަވެސް، މަނިކުފާނުގެ ޒައާމަތުގައި އެކަންކަމާ މެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން،" ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް އެޕާޓީން ނިންމި ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކުގައި ކޯލިޝަން ހަދައިގެން ނުކުތުމަށް ގާސިމް ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައެވެ. އެކަމަކު، އެ ފުރުސަތުގެ ބޭނުން އެއްވެސް ޕާޓީއަކުން އަދި ނުހިފައެވެ. ނަމަވެސް ޖޭޕީ ދެވަނަ ބުރަކަށް ގޮސްފި ނަމަ، ގިނަ ސިޔާސީ ޕާޓީތަކަކުން ގާސިމް ފަހަތަށް އަރާނެ ކަމަށް ބެލެވެއެވެ.
ގާސިމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އެރުވުމުގެ ޖަލްސާ އޮތީ މިރެއެވެ. އަދި އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަން ގާސިމް މިރޭ ރަސްމީކޮށް އިއުލާނުކުރައްވާނެ ކަމަށް ބެލެވެއެވެ.
 
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ