ރާއްޖެ މިއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި: ގާސިމް

ރާއްޖެ މިހާރުއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ މިސްރާބު ބަދަލުނުކޮށްފިނަމަ ގެއްލުންވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ ޓިކެޓާއި ޙަވާލުވެވަޑައިގަތުމަށްފަހު ޕާޓީގެ މެންބަރުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމަނިކުފާނު އިސްކަންދެއްވާނެ ކަންތައްތަކާއި، ގެންގުޅުއްވާނެ ސިޔާސަތުތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިސްރާބު ގެއްލި ގައުމަށް އެތެރެއާއި ބޭރުގެ ނުފޫޒު ގަދަވެ ގައުމުގެ ދަރަނިވެސް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. ގައުމު މިހާރު އޮތް ހާލަތުން އަމާނާތްތެރި ވިސްނުންތެރި ހިކުމަތްތެރި ވެރިއަކަށް ގައުމު އެދި ގޮވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން 2004ވަނަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރެއަކީ ރައީސް މައުމޫނުގެ ޒައާމަތުގައި އިސްލާހީ އެޖެންޑާ އިއުލާނުކުރެވިގެން ދިޔަ ރޭކަން ފާހަގަކުރައްވައި ގާސިމްވަނީ ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާއަށް ތައުރީފްކުރައްވައި ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނާއި އިތުރު ބޭފުޅުންވީ ގުރުބާނީގެ ހަނދުމަފުޅު އައު ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި ދުއްތުރާ ތަކުގެ ތެރޭގައި މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒުފޯރައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސް ކޮރަޕްޝަން ހައްދުފަހަނައަޅައި ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށްފައިވާ ކަމަށެވެ. އިޖްތިމާއީ އިގްތިސާދީ އަދި މަދަނީ ދާއިރާގެ އިތުރުން ހިންގުމުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ބަދަލުވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިސްރާބު ބަދަލުނުކޮށްފިނަމަ އިޔާދަނުކުރެވޭފަދަ ގެއްލުން ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ގާސިމް ވަނީ މީގެ ކުރީ ސަރުކާރުތަކާއިއެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަނީ ރައްޔިތުންގެ ހައްގުގައި ސިޔާސަތުތައް ރޭވުމާއި ތަންފީޒުކުރުމަށް އެއްބަސްވެގެން ކަމަށެވެ. އެހެންނަމަވެސް ވެރިކަން ލިބުމުން ކަންކަން ބަދަލުވެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުން ގައުމުގެ އިންސާފާއި ހަމަޖެހުން ގެއްލިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމާލަމުން އެމަނިކުފާނުވަނީ ދިވެހިރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ