ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ: ބައެއް ކުންފުނި ސިއްރު!

މި ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން އެދުނު މައުލޫމާތުތަކެއް ހިއްސާ ކޮށްދީ ފިނޭންސް މިނިސްޓްރީން މިއަދު ދޫކުރި މައުލޫމާތުގައި ވާގޮތުން، މި ސަރުކާރު އައި ފަހުން ބަދަލުގެ ގޮތުގައި ޖުމުލަ އަށް ކުންފުންޏަކަށް ވަނީ 1.6 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. އެކަމަކު، ސަރުކާރުން މި އަހަރު ބަދަލުދިން ކުންފުންޏާއި އަދަދު ވަނީ ސިއްރުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ލިޔުމުން ފޮނުވި ޖަވާބުގައި ބުނި ގޮތުގައި މި އަހަރު ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ނުކުރެވެއެވެ. މިގޮތުން، 2019 ވަނަ އަހަރު އެކަނި ވެސް، 1.4 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އެ އަހަރު އެންމެ ބޮޑު ބަދަލެއް ދޫކޮށްފައިވަނީ ސެޓްލްމަންޓު އެއްބަސްވުމެއްގެ ދަށުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށެވެ. އެ ކުންފުންޏަށް ވަނީ 862 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ އަހަރު ދެން، ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ: ނެކްސް ބިޒް ޕްރައިވެޓް ލިމިޓެޑް - 274 މިލިއަން ރުފިޔާ ޑަބްލިޔު އެލްޓީ ޕްރައިވެޓް ލިމިޓެޑް - 231 މިލިއަން ރުފިޔާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް - 30 މިލިއަން ރުފިޔާ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް - 17 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް - 15 މިލިއަން ރުފިޔާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑް - 3 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ ބީއެމްއެލްއަށް ދީފައިވާ 15 މިލިއަން ރުފިޔާ އަކީ ސުނާމީ ކާރިސާއާ ގުޅިގެން އެ ބޭންކުން ރައްޔިތުންނަށް ދޫކޮށްފައިވާ ލޯނުތައް މައާފްކޮށްދިނުމަށް ދިން ފައިސާއެވެ. ޖެހިގެން އައި 2020 ވަނަ އަހަރު ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ އެންމެ ކުންފުންޏަކަށެވެ. އެއީ، ސެންޓާ އެންޓަޕްރައިސަަސް އަށެވެ. އެ ކުންފުންޏަށް ވަނީ 5.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައެވެ. ދެން އައި 2021 ވަނަ އަހަރު ދެ ކުންފުންޏަކަށް ޖުމުލަ 196 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ، ޑަބްލިއު އެލްޓީ ޕްރައިވެޓް ލިމިޓެޑަށް 181 މިލިއަން ރުފިޔާ އަދި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް 15 މިލިއަން ރުފިޔާއެވެ. ޖެހިގެން އައި 2022 ވަނަ އަހަރު އެއްވެސް ކުންފުންޏަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައެއް ނުވެއެވެ. މި އަހަރު އެއް ކުންފުންޏަކަށް ބަދަލު ދީފައިވާއިރު، އެ ކުންފުނި ވެސް އަދި ބަދަލުގެ ގޮތުގައި ދޫކުރި އަދަދު ވެސް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ، މި އަހަރު ބަދަލުގެ ގޮތުގައި ދޫކުރީ ކިހާ ވަރެއްކަން އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ