3،000 ބައިވެރިނާއި އެކު ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމަށް މިއަދު ބޭއްވި ބޮޑު އިވެންޓު ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މިއަދު ހެނދުނު 7:30 އިން ފެށިގެން 10:30 އާ ހަމައަށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ސަރުކާރު ކުންފުނިތަކާއި، މިނިސްޓްރީތައް އަދި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، އެކި ޖަމިއްޔާތަކުން ޖުމްލަ 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އާބަންކޯއިން މައުލޫމާތު ދެއެވެ.
އާބަންކޯއިން ބުނީ، މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ޖުމްލަ 7 ބަޔަކަށް ބަހާލައި އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ޓީމުތައް ބަހައިގެން ސާފުކޮށްފައިވާ ކަމަށެވެ. ކޮކާ ކޯލާ، މޯޕާ، އަދި ވެމްކޯގެ އިތުރަށް އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން، އަދި ވެލިގާ ހާޑްވެއަރ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައިވާ ކަން އާބަންކޯއިން ވަނީ ފާހަގަކޮށްފަ އެވެ. 
Advertisement
ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ/ އާބަންކޯ 
މި އިވެންޓު ނިންމާލުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރޭގައި އަރބަންކޯގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. 
ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވުނު މި ހަރަކާތަކީ މިފަދަ ދެވަނަ ކްލީން އަޕް އިވެންޓެވެ. މި އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން މިއަދު ވަނީ ޚާއްސަ ޗެލެންޗެއް ވެސް ތައާރަފްކޮށްފައެވެ. 
އެގޮތުން މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީއެވެ.
އެގޮތުން، އަރބަންކޯއިން މިއަދު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވާނީ ސްޓެލްކޯއަށެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ. އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ. 
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯއިން މި ހަރަކާތް ކުރިއަށްގެންދިޔަ އިރު، އަރބަންކޯގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކުރިއަށް ގެންދެވޭ މި ނޫން ވެސް ހަރަކާތްތައް މި އަހަރު ތެރޭގައި ރާވާލެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ