އުމަރު އިސްތިއުފާ ދެއްވުމުން އިދިކޮޅު އިއްތިހާދުން މަރުހަބާ ކިޔައިފި

ހޯމް މިނިސްޓަރު ކަމުގެ މަގާމުން އުމަރު ނަސީރު އިސްތިއުފާ ދެއްވުމުން އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން އުމަރަށް މަރުހަބާ ކިޔައިފި އެވެ. އުމަރު ނަސީރު ކުއްލި ގޮތަކަށް ރޭ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، އެ މަގާމަށް ރައީސް ޔާމީން މިއަދު ވަނީ، ޔޫތު މިނިސްޓަރުކަމުގައި ހުންނެވި އަހްމަދު ޒުހޫރު އައްޔަނު ކުރައްވައިފަ އެވެ. އިއްތިހާދުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އުމަރު ނަސީރު އިސްތިއުފާ ދެއްވީ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފުވާ މަންޒަރު ބެއްލެވުމަށް ނުހުންނެވުމަށް، އިއްތިހާދުން ގޮވާލި ގޮވާލުމަކަށް އިޖާބަ ދެއްވުގެ ގޮތުން ކަމަށެވެ. އަދި އެކަމަށް ޓަކައި އިއްތިހާދުން އުމަރު ނަސީރަށް މަރުހަބާ ކިޔާ ކަމަށެވެ. އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިއަށްދަނީ: އެ އިއްތިހާދުން ވަނީ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް ގޮވާލާފައި --- ފޮޓޯ/ ޓްވީޓާ އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް އުމަރު އަދި ވިދާޅުވެފައެއް ނުވެ އެވެ. މީގެ ދެތިން ދުވަސް ކުރިން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މަގާމު ގެއްލުނަސް "އެހެން ބޭފުޅުން" އުޅުއްވާ ހެން އިދިކޮޅު އެމްޑީޕީއާ ގުޅޭނެ ކަމަށް ހީވާ ނަމަ އެއީ އެ ބޭފުޅުން ކުރައްވާ ކުށްހީއެއް ކަމަށެވެ. "އަޅުގަނޑު ވަކިވިޔަސް ވަކި ކުރިޔަސް އަޅުގަނޑު ނުދާނަން އެމްޑީޕީ ކޮޅަކަށް. އަޅުގަނޑު ނާރާނަން އަންނި އުނގަކަށް. ދުވަހަކު ވެސް ނުކުރާނެ ކަމެއް އެއީ. އެބޭފުޅުންނަށް އޮޅިވަޑައިގެން އެ އުޅުއްވަނީ،" އުމަރު ވިދާޅުވި އެވެ. އިއްތިހާދުން ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ހުރިހާ ފަރާތްތައް އެކަހެރި ކުރައްވައި، ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރައްވަން މަސައްކަތް ކުރައްވާ ކަމަށާއި އެކި ކަންކަމާ ގުޅިގެން އެމަނިކުފާނުގެ ކެބިނެޓުގެ ނުވަ ވަޒީރަކު ވަކި ކުރައްވާފައި ނުވަތަ "މަޖުބޫރުން އިސްތިއުފާ ދެއްވާފައި"ވާ ކަމަށެވެ. އަދި މިއީ ރައީސް މުޅި ސަރުކާރު "ހިސޯރު ކުރެއްވިކަން" ހާމަވާ ކަމެއް ކަމަށާއި ރައީސްގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އެއްވެސް އިދާރާއަކުން އެކަން ތަހުގީގު ކުރުމުގެ ފުރުސަތު ރައީސް ބަންދުކުރައްވާފައިވާ ކަމަށް އިއްތިހާދުން ތުހުމަތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ