މަޝްވަރާތައް ހިނގާ، ގާސިމްގެ ރަނިންމޭޓަކަށް ނަޝީދު ހެދުމާ މެދު މަޝްވަރާއެއް ނުކުރަން: ނަޝީދު ޓީމް

ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަކިން ވާދަކުރައްވައި، އޭނާގެ ރަނިން މޭޓަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަނޑައެޅުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާ އެއް ކުރެވިފައި ނުވާ ކަމަށް، ނަޝީދުގެ ފަރާތުން ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމާ މެދު ޖުމްހޫރީ ޕާޓީން އަދި ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް އެ ޕާޓީގެ ތެރެއިން ކެންޑިޑޭޓެއް ވަކިން ނެރެ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާ ގުޅޭ ގަރާރެއް ފާސްކޮށް، ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ އެ ޕާޓީގެ ނިމިދިޔަ ގައުމީ ކޮންފަރެންސްގައި ބައިވެރިވި މަންދޫބުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ކޯލިޝަނެއް ހަދައި އެކީގައި ވާދަކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވި ނަޝީދާއި ގާސިމާ ދެމެދު މަޝްވަރާތައް ވަނީ ފަށައިފައެވެ. ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ސަރުކާރު ކޯލިޝަނާ ވަކިން ގާސިމް ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންފިނަމަ، ނަޝީދު ގާސިމްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނެއެވެ.
އެއާއެކު ދެން ދެކެވެން ފެށި ވާހަކަތަކަކީ ގާސިމްގެ ރަނިން މޭޓަކަށް ނަޝީދު ހެދުމާ ގުޅޭގޮތުން މަޝްވަރާކުރެވޭ ވާހަކައެވެ. "ދަ ޕްރެސް" އިން ސުވާލުކުރުމުން، ނަޝީދުގެ އަރިސް އެއް ބޭފުޅާ އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، ނަޝީދާއި ގާސިމާ ދެމެދު މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، ގާސިމްގެ ރަނިންމޭޓަކަށް ނަޝީދު ވެވަޑައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައި ނުވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ދެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ވެސް، ނަޝީދުގެ ތާއީދާ އެކު ގާސިމް އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އޭގެ އިތުރުން، މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ގައުމީ ކޮންފަރެންސް ފެށުމުގެ ޖަލްސާ އާއި ނިންމުމުގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު، ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ޖުމްހޫރީ ޕާޓީ އަށް ވެރިކަން ހޯދައިދިނުމަށް ނަޝީދު މަސައްކަތްކުރައްވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. ޝަހީމްގެ ތުހުމަތުތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މި ސަރުކާރުގައި އެމްޑީޕީ އަށް ލިބިފައިވަނީ ސަރުކާރުގެ 40 ޕަސެންޓު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއަށް ވުރެ އިތުރު މިންވަރެއް ލިބޭ ކަމަށް ވަންޏާ އެކަމުގެ ސަބަބުން އެމްޑީޕީ އަށް ރަނގަޅުވެގެން ދާނެއެވެ.
ހުސައިންގެ ފަހުން ވާހަކަ ދެއްކެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަކުރައްވައިގެން އެމްޑީޕީ އަށް ވެރިކަން ގެއްލުމުގެ ބިރު އެބައޮތެވެ. ހަސަން ވަނީ އެމްޑީޕީގެ ރަނިންމޭޓަކާ އެކު އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފެއްދުން ކިހިނެއްތޯ މިއަދު ސުވާލުކުރައްވާފައެވެ.
"ކިހިނެއްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާފައި، އެމްޑީޕީގެ ރަނިންމޭޓަކާ އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސް ބުނެވޭނެ، އަޅުގަނޑުމެންގެ މަޝްވަރާ އާއި ލަފާދެވޭނެ ކަހަލަ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތްކުރަން ތިބުން؟" ހަސަން ސުވާލުކުރެއްވިއެވެ.
މި ބަހުސަށް ފަހު، ގާސިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދާއި ނަޝީދު ވަނީ މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ހޯދާލުމަށް ގުޅުމުން ދެ ފަރާތުން ވެސް ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ