ޕާކިސްތާނުން ހަމަލާދީފިނަމަ، އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފި

ޕާކިސްތާނުން އާ ހަމަލާތަކެއް ދީފިނަމަ، ރައްދުގައި އިންޑިއާއިން ހަމަލާދޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ އެގޮތަށް ވިދާޅުވީ ކަޝްމީރުގެ އިންޑިއާ ފަޅީގައި މިދިޔަ މަހު ދިން ހަމަލާގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލްގެ ރައްޔިތަކު މަރުވި ހާދިސާއާ ގުޅިގެން އިންޑިއާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ، ބޯޑަރު ހުރަސްކޮށް ހަމަލާތައް ދޭން ފެށިފަހުން އާންމުކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރުއެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި ހަމަލާތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. މިދިޔަ މަހު އިންޑިއާއަށް ދިން އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެގައުމަށް ހަމަލާދޭ ހަނގުރާމަވެރިންނަށް ތާއީދުކުރާ ކަމަށް އިންޑިއާއިން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި އިންޑިއާއިން ހަމަލާދިން ތަންތަނަކީ އާންމުން ދިރިއުޅޭ ތަންތަން ކަމަށް ޕާކިސްތާނުން ބުނެއެވެ. ނިއުކްލިއާ ދެ ބާރުގެ މި ކުރިމަތިލުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން މޯދީ ވިދާޅުވީ ޕާކިސްތާނުން ގަސްތުކުރީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ހަމަލާދޭން ކަމަށެވެ. އަދި ޕާކިސްތާނުން ކުރަނީ ނިއުކްލިއާ ބްލެކްމެއިލް އެއް ކަމަށްވެސް މޯދީ ވިދާޅުވިއެވެ. "ދެން ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ހަމަލާ ވަރުގަދަވާނެ،" މޯދީ ވިދާޅުވިއެވެ. "ނިއުކްލިއާ ބްލެކްމެއިލްގެ ނިވަލުގައި ތިބެ ބާރު ގަދަކުރާ ޓެރަރިސްޓުންނަށް އިންޑިއާއިން ހަމަލާދޭނެ. އިންޑިއާގެ ނިންމުން ވަރަށް ސާފު. ޓެރަރިޒަމާއި މަޝްވަރާ އެކުއެކީގައި ކުރިއަކަށް ނުދާނެ. ޓެރަރިޒަމާ އެކު ވިޔަފާރިއެއް ނުހިންގޭނެ. ފެނާއި ލޭ އެކުގައި ދައުރެއް ނުވާނެ." މޯދީ ވިދާޅުވިއެވެ. މޯދީގެ އެ ވާހަކަފުޅާ ގުޅިގެން ޕާކިސްތާނުން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ. ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާ އާއި މުސްލިމު ގައުމެއް ކަމަށްވާ ޕާކިސްތާނުން އަންނަނީ ހިމާލަޔާން ސަރަހައްދުގެ ކަޝްމީރުގެ މިލްކު ވެރިކަމަށް ދައުވާ ކުރަމުންނެވެ. އިންޑިއާގެ އެ ހަމަލާ ވެފައިވަނީ 1947 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނު ފަހުން އެތައް ހަނގުރާމައެއް ކޮށްފައިވާ ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރު ނުރައްކަލަށް ގެންދިޔަ ކަމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ