ޖުމްހޫރީ ޕާޓީން ފުރަތަމަ ފަހަރަށް، ރާއްޖޭގެ 87 ދާއިރާއަށް ރައީސުން އިންތިހާބުކުރަން ނިންމާފައިވާއިރު، މިވަގުތު ޕާޓީގެ މެމްބަރަކަށް ނުވިއަސް ދާއިރާގެ ރައީސްކަމަށް ކުރިމަތިލެވޭނެކަމަށް އެޕާޓީން ބުނެފިއެވެ.
ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީން އަންނަނީ އިންތިހާބަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެެވެ. އެގޮތުން އެޕާޓީން ފުރަތަމަ ފަަހަރަށް ރާއްޖޭގެ 87 ދާއިރާއަށް ރައީސުން އިންތިހާބުކުރަން ނިންމާފައިވާއިރު، މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ 03:00ގެ ކުރިން ފޯމު ހުށައަޅަން ޖެހޭނެއެވެ.
ދާއިރާތަކަށް ރައީސުން އިންތިހާބުކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ، މި މަގާމަށް އެދި ކުރިމަތިލާ ފަރާތަކީ މިހާރު ޖޭޕީގެ މެމްބަރަކަށް ނުވިކަމުގައި ވީނަމަވެސް، މަގާމަށް އެދި ކުރިމަތިލުމަށް ހުށައަޅާ ފޯމުތަކާއިއެކު ޕާޓީއަށް ސޮއިކުރުމުން އެފުރުސަތު ލިބިގެންދާނެކަމަށެވެ.
މި މަގާމުތަކަށް އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައިފިނަމަ ޕްރިމަރީގެ އުސޫލުން އެކަން ކުރިޔަށްގެންދާނެކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށައަޅާއިރު، ޕާޓީއަށް އަލަށް ގުޅުމަށް ބޭނުންވާ 50 މެމްބަރުންގެ ފޯމު ހުށައަޅަންޖެހޭނެކަމަށް އޭނަ ވިދާޅުވިއެެވެ.
އިލްހާމް އަހުމަދު ވަނީ، ޖުމްހޫރީ ޕާޓީގެ ހަޔާތުގައި މިހާތަނަށް ދާއިރާތަކުގެ ރައީސުންނަށް އިއުލާންކޮށްފައި ނުވާނެކަމަށާއި، އަދި ދާއިރާތަކުގެ ރައީސުން ކައުންސިލްގައި ތަމްސީލްކުރާނެ ޖާގަތަކެއްވެސް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ. އެެހެންނަމަވެސް، ޕާޓީގެ އައު އަސާސީ ގަވައިދާ އެއްކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ތަމްސީލްކުރާ މެމްބަރުންގެ ގޮތުގައި ދާއިރާތަކުގެ ރައީސުން ހިމެނިގެންދާނެކަމަށް އިލްހާމް ވިދާޅުވިއެވެ.
ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙުމަދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ދާގޮތުން، ޖޭޕީއަކީ ރައްޔިތުންގެ ހަމަޖެހުމާއި، މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ޕާޓީއެއްކަން އެނގޭކަމަށެވެ. އެހެންކަމުން ސިޔާސީ ގޮތުން ކުރިޔަށްދިޔުމަށް ދާއިރާތަކުގެ ރައީސުންނަށް ފަހި ފުރުސަތުތަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، މި ފުރުސަތަކީ، ފަންނުވެރި ޒުވާނުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށް އަޒްލީން ވިދާޅުވިއެވެ.
ދާއިރާތަކުގެ ރައީސުން ހޮވުމުގެ މަސައްކަތް ކުރުމަށް ޖޭޕީން ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދެވެ. އަދި ކޮމިޓީގެ ޑެޕިއުޓީ ޗެއާއަކަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހެވެ.
މިކޮމިޓީގައި އިތުރު 10 ބޭފުޅުން ހިމެނިވަޑައިގަންނަވަޢެވެ. އެއީ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ޙުސައިން މަނިކު، ލީޑަރުގެ އެޑްވައިޒަރު އަބްދުالله އަހުމަދު، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުالله ނަވާޒް، ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙުމަދު، ލީޑަރުގެ އެޑްވައިޒަރު އިގްބާލް އާދަމް، ލީޑަރުގެ އެޑްވައިޒަރު ހަސަން މުޣުނީ، ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އަދި ސުލޫކީ ކޮމެޓީގެ ޗެއާ ޙުސައިން ޝަހުދީގެ އިތުރުން ޖޭޕީ ޒުވާނުންގެ ލީގުގެ ރައީސް ޢަބްދުالله ޔާމީން ރަޝީދެވެ.
ޖޭޕީން ދާއިރާތަކުގެ ރައީސުން ހޮވުމަށް ނިންމާފައިމިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ވާދަކުރައްވާނެކަން އިއުލާންކޮށް، ކެމްޕެއިންގެ ކަންކަން ބޭފުޅަކާ ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންތިޚާބުގެ ކެމްޕެއިން ޕްލޭންކުރުން ނުވަތަ ރޭވުން ހަވާލުކޮށްފައިވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއެވެ. އޭގެ އިތުރުން، ޖޭޕީން އަންނަނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައްވެސް ހިންގަމުންނެވެ.
މިވަގުތު ޕާޓީގެ މެމްބަރަކަށް ނުވިއަސް ދާއިރާގެ ރައީސްކަމަށް ކުރިމަތިލެވޭނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ