ލިބުނީ 800 ކިލޯވޯޓްގެ އިންޖީނެއް، ކަރަންޓް މައްސަލަ ހައްލެއްނުވާނެ!

ކުޅުދުއްފުށިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން އިތުރު އިންޖީނެއް ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި އެވެ. އަލަށް ގެނެސްފައިވަނީ 800 ކިލޯވޯޓްގެ އިންޖީނެކެވެ.
ކުޅުދުއްފުށީ އިންޖީނު ގޭގައި ބޭނުންކުރާ 7 އިންޖީނުގެ ތެރެއިން 1.2 ކިލޯވޯޓްގެ އިންޖީނެއް ހުޅު ހިފާ މައްސަލަ ޖެހުމުގެ ސަބަބުން އެއާއެކު 800 ކިލޯވޯޓްގެ އިންޖީނެއްވެސް މައްސަލަ ޖެހުނެވެ. އަދި އެ ދެ އިންޖީނުގައި މައްސަލަ ޖެހުނުއިރު އޭގެ ކުރިން އޮތީ 1000 ކިލޯވޯޓްގެ އިންޖީނެއް ހަލާކުވެފަ އެވެ.
މައްސަލަ ޖެހުނު އިންޖީނުތަކުގެ ތެރެއިން މަރާމާތުކުރެވި އޮޕަރޭޝަނަށް ގެނެވިފައިވަނީ 1.2 ކިލޯވޯޓްގެ އިންޖީނު އެކަންޏެވެ. އަނެއް ދެ އިންޖީނަށް ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ އޮފިޝަލަކު ވިދާޅުވި އެވެ.
އެހެންވުމުގެ ސަބަބުން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެކި ވަގުތުތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން އަންނަނީ ކަރަންޓް ކަނޑަމުންނެވެ. އެކަމާ ހެދި ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.
އޮފިޝަލަކު ވިދާޅުވީ، މައްސަލަ ހައްލުކުރަން 800 ކިލޯވޯޓްގެ އިންޖީނެއް ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަލަށް ގެނައި 800 ކިލޯވޯޓްގެ އިންޖީނު އިންސްޓޯލްކުރިނަމަވެސް މުޅި ރަށަށް ކަރަންޓް ދެވޭވަރު ނުވާނެ ކަމަށެވެ.
"ކަރަންޓް ދެވުނަސް ދެވޭނީ ކިރިޔާ." އޮފިޝަލު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް އަދި މިހާތަނަސް ވަނީ ކާމިޔާބުނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ