ބެލިންހަމް ރެއާލަށް: ހަޒާޑަށް ފަހު ރެއާލުން އެންމެ ބޮޑު އަގުގައި ގަން ކުޅުންތެރިޔާ!

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ހުނަރުވެރި މިޑްފީލްޑަރު ޖޫޑް ބެލިންހަމް 110 މިލިއަން ޑޮލަރަށް ރެއާލް މެޑްރިޑަށް ވިއްކާލަން ޑޯޓްމަންޑުން ނިންމައިފި އެވެ.
ޑޯޓްމަންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެލިންހަމް ދުނިޔޭގެ އެންމެ ކާމިޔާބު ކްލަބަށް 103 މިލިއަން ޔޫރޯ (110.3 މިލިއަން ޑޮލަރު) އަށް ވިއްކާލަން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 19 އަހަރުގެ ބެލިންހަމް ރެއާލަށް ވިއްކާލުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ އެވެ.
ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ބެލިންހަމް ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީންވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ބުނީ ރެއާލްއަކީ އޭނާއަށް އެންމެ ކަމުދާ އަދި ކުޅެން ނުހަނު ބޭނުންވެފައިވާ ކުލަބެއް ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުއްމީދީ އެއް ހުނަރުވެރި ކުޅުންތެރިޔާ ބެލިންހަމް ޑޯޓްމަންޑާ ގުޅުނީ 2020 ވަނަ އަހަރު ބާމިންހަމް ސިޓީން 25 މިލިއަން ޔޫރޯ (26.8 މިލިއަން ޑޮލަރު)ގެ ފީ އަކަށެވެ.
އަދި އޭނާ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ޑޯޓްމަންޓުގެ ކެޕްޓަންކަން ކޮށް، އެ ކްލަބުގެ ކެޕްޓަންކަން ކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައި ތާރީހުން ޖާގަ ހޯދައިފަ އެވެ.
ބެލިންހަމް ވަނީ ޑޯޓްމަންޑަށް 132 މެޗު ކުޅެދީ 24 ލަނޑު ކާމިޔާބުކޮށް ދިނުމުގެ އިތުރުން 2021 ވަނަ އަހަރުގެ ޖަރުމަން ކަޕް ކާމިޔާބުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ