ކުުއްތާ ގެނައުމުން މަސްތުވާތަކެތި އެތެރެކުރަން ބިރުގަންނާނެ: އުމަރު

ރާއްޖެ އަށް ކުއްތާ ގެނެސް ޑްރަގް އޮޕަރޭޝަންތަކުގައި ބައިވެރިކުރުމުން މަސްތުވާތަކެތި އެތެރެ ކުރަން މީހުން ބިރުގަންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ޑޯގް ސްކޮޑް ނުވަތަ ފާރަގެމަ އަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުލޭގައި ހަދާފައިވާ ޑޯގް ކެނަލް ފުލުހުންނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ރާއްޖެއަށް ކުއްތާ ގެނައުމުން މަސްތުވާތަކެތި އެތެރެ ކުރާ ގިނަ ދޮރުތައް ބަންދުވެގެން ދާނެ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެ ކުރާ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މަސްތުވާތަކެތި އެތެރެ ކުރަން ކުރާ މަސައްކަތުގައި ކުއްތާއަކީ އެންމެ މުހިއްމު އެކަތި. މިކަން ރަނގަޅަށް ކުރެވިއްޖެއްޔާ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން މަދުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ. ފާރަގެމައިގެ ކުއްތާތައް ބަލަހައްޓައި ޓްރެއިން ކުރުމަށް ތައްޔާރުކޮށްފައިވާ ކެނަލް-- ހަވީރު ފޮޓޯ: އާމިނަތު ޝިފްލީން ކުއްތާތައް ޓްރެއިންކޮށް ބެލެހެއްޓުމަށް އެމްއޭސީއެލް އިން ތައްޔާރު ކުރި ތަނުގައި ކުއްތާ އަށް ހާއްސަ ގެތަކެއް ވަނީ އަޅާފަ އެވެ. އަދި އެއަށް ބޭނުންވާ ކާނާ އާއި ބޭސް އެ ތަނުގައި ރައްކާކޮށް، ފަރުވާ ކުރާނެ ޑޮކްޓަރުން ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އަންނަ ހޯމަދުވަހު ކުއްތާތަކުގެ ފުރަތަމަ ބެޗު ގެންނާނެ ކަމަށާއި 16 ކުއްތާ ގެންނާނީި ތިން ހަތަރު ދުވަސް މަތިން ކަމަށެވެ. ސަރުކާރުން ހަރަދުކޮށްގެން ރާއްޖެއަށް ފުރަތަމަ ފަހަރަށް ގެންނަ މި ކުއްތާތަކުގެ ތެރޭގައި ވަރަށް ކުދި އެއްޗެހި ވެސް ހިމެނެ އެވެ. "ކުދި އެއްޗެހި ގެންނަނީ ބޯޓުތަކުގެ ފަލްކާ ތެރެއަށާއި ދެ ފޮށިގަނޑު ދޭތެރެ ފަދަ ތަންތަނަށް ވަންނަން އޭއްޗެއްސަށް ފަސޭހަވާނެތީ. އެކަމަކު މި ގެންނަ ކުއްތާތަކުގެ ތެރޭގައި ތަފާތު ބްރީޑްތައް ހިމެނޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި މިތަކެތި ބޮޑުކޮށް، ޓްރެއިން ކުރުމަށް ދެތިން މަސް ނަގާނެ އެވެ. މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ އިތުރުން ގޮވާ ތަކެއްޗާއި ވަގު ފައިސާ ވެސް ކުއްތާތަކަށް ދެނެގަނެވޭނެ ކަމަށެވެ. އެހެންވެ އެކަމަށް ވެސް ހާއްސަކޮށްގެން ކުއްތާތައް ޓްރޭންކޮށްފިނަމަ އެއީ އެ ފަދަ ތަކެތި ހޯދުމަށް ފުލުހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްތާތައް ބަލަހައްޓައި ޓްރެއިން ކުރުމަށް ތައްޔާރުކޮށްފައިވާ ކެނަލް: މިތަން ބަލަހައްޓަނީ ފުލުހުން-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މަސްތުވާތަކެތި ހޯދުމަށް މީގެ ކުރިން ވެސް ރާއްޖެއަށް ކުއްތާ ގެނެސްފައި ވެ އެވެ. އެކަމަކު މިއީ ދައުލަތުން ހަރަދުކޮށްގެން، ރާއްޖޭގައި ކުއްތާ ބޭނުން ކުރާ ފުރަތަމަ ފަހަރެވެ. އުމަރު ވިދާޅުވީ މީގެ ކުރިން ސްރީ ލަންކާ އިން ރާއްޖެ އަށް ދެ ކުއްތާ އެެތެރެ ކުރި ނަމަވެސް މާ ގިނަ މަސްތުވާ އެއްޗެއްސެއް ނުހޯދުނު ކަމަށެވެ. "އެއީ އެ ކުއްތާތަކުގެ މައްސަލައެއް ނޫން. އެކަމަށް ރަނގަޅަށް ޓްރޭނިން ދެވިފައި ނެތީމަ އެ މަަސައްކަތް ކާމިޔާބު ނުވީ،" މިނިސްޓަރު ވިދާޅުވި އެވެ. މި ކުއްތާތައް މި ވަގުތު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ނަމަވެސް ކުރިއަށް އޮތްތަނުގައި ހދ. ކުޅުދުއްފުއްޓާއި އައްޑޫގެ ވައިގެ އަދި ކަނޑުގެ ބަނދަރުތަކުގައި ކުއްތާ ބޭނުން ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑްޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ހޯމަދުވަހު ކުއްތާތައް ގެނެސް ހަފުތާއެއް ވަންދެން އެ ތަނުގައި ޓްރޭނިން ދިނުމަށް ފަހު ބަނދަރުތަކުގަ އާއި ފުލުހުންގެ އޮޕަރޭޝަންތަަކުގައި އެ އެއްޗެހި ބޭނުން ކުރާނެ ކަމަށެވެ. "މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ކުއްތާތައް ބޭނުން ކުރާނެ. ހުރިހާ ބަނދަރަކަށް ވެސް ގެންދާނެ. އަދި ގޭގެއަށް ވެސް ކުއްތާތަކާ އެކު ވަނުން އެކަށީގެންވޭ. އެހެންވެ މިކަމުގައި ރައްޔިތުންގެ އެހިތެރިކަމާއި އެއްބާރުލުން ބޭނުންވާނެ،" ޝިފާން ވިދާޅުވިި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ