ހަގީގަތް ހާމަކޮށްދެއްވީތީ މައުމޫނު ރައީސަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވައިފި ކަމަށާއި އެކަން ބަލައިގަންނަ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދިން ހަމަލާގެ ތަހުގީގުން އެނގިފައިވާ ކަންކަމާ ބެހޭ ގޮތުންނާއި ގައުމުގެ ހާލަތާ ބެހޭ ގޮތުން ރައީސް ޔާމީން މިއަދު ގައުމާ މުހާތަބުކުރެއްވި ފަހުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސްއާ އެކު ހުންނެވި ކަމަށާއި ރައީސްގެ ތެދުވެރިކަމާއި ހާމަކަމަށްޓަކައި މަރުހަބާ ވިދާޅުވާ ކަމަށެވެ. President, you have shared the facts with the public. I applaud your openness & sincerity. We are with you. — Maumoon Abdul Gayoom (@maumoonagayoom) October 25, 2015 މައުމޫންގެ ޓްވީޓް ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ނައިބު އަހްމަދު އަދީބު ހައްޔަރުކުރަން ޖެހުނު ސަބަބުތައް ހާމަކުރައްވައިފަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ ތެރެއިން ހައްޔަރުކޮށް އަދި ކުށް ސާބިތުވެފައިވާ ބޭފުޅުންގެ މައްސަލާގައި ވެސް ރައީސް ވާހަކަދެއްކެވި އެވެ. ނައިބު ރައީސް އިއްޔެ ހައްޔަރުކޮށްފައި ވަނީ ރައީސަށް ދިން ހަމަލާގެ ތަހުގީގަށެވެ. ނައިބު ރައީސް ހައްޔަރުކޮށް، އެމަނިކުފާނާ ގުޅުން ހުރި ވަރަށް ގިނަ ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނައިބު ރައީސް ވަނީ ފުލުހުންގެ މުއައްސަސާ ތެރެއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވާފައި ކަމަށާއި ސިފައިންގެ ތެރޭގެ ވެސް ހާލަތު އޮތީ އެފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. "ފިނިފެންމާ" ލޯންޗުގައި ރައީސަށް ދިން ހަމަލާގެ ތަހުގީގަށް ނައިބު ރައީސް ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށާއި އެމްއެމްޕީއާރްސީ ތެރޭގައި ވެސް ކޮށްގެން ނުވާނެ ކަންތައްތައް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ