ސިވިލް ކޯޓުގެ ގާޒީ އަދީބު ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވި އަބްދުﷲ އަދީބު ފެމިލީ ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ. ޖޭއެސްސީން ބުނީ އަދީބު ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމާފައިވަނީ އެހެން ކޯޓަކަށް ބަދަލުވުމަށް އަދީބު އެދިވަޑައިގަތުމުން އެކަމުގައި އެ ކޮމިޝަނުން ބަލަންޖެހޭ ކަންތައްތަކަށް ފަހުގައި ކަމަށެވެ. އަދީބު ފެމިލީ ކޯޓުގެ ގާޒީއަކަށް ބަދަލުކުރަން ނިންމާފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އަދީބަކީ ސިވިލް ކޯޓުގައި ބައެއް ބޮޑެތި މައްސަލަތައް ބައްލަވާ ނިންމާފައިވާ ގާޒީ އެކެވެ. އެގޮތުން ހ. ޝަފީގުގޭ އަހުމަދު ޝަފީގުގެ މައްޗަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި އަބުރުގެ ދައުވާގެ މައްސަލަ ބައްލަވާ ނިންމެވީ ގާޒީ އަދީބެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏާ ދެކޮޅަށް މީރާއިން ކުރާ ދައުވާ ވެސް ބައްލަވަމުން ގެންދަވަނީ އަދީބެވެ. ޖޭއެސްސީން ބުނީ އަދީބުގެ އިތުރުން އެހެން ދެ މެޖިސްޓްރޭޓަކު ވެސް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ މ. މުލީ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު މ. މުލަކު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށާއި ރ. ކިނޮޅަހު ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ރަޝީދު އެ އަތޮޅު މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ