އަބްދުﷲ ދީދީގެ މައްސަލަ ދެވަނަ ފަހަރަށް މަދަނީކޯޓަށް ހުށަހަޅައިފި

ދާއިމީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ޑރ. އަހުމަދު ޢަބްދުﷲ ދީދީ އަކީ ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް ދެ ބޭފުޅަކު ހައިކޯޓަށް ލީ މައްސަލަ ހައިކޯޓުން ބަލައި ނުގަތުމުން އެ މައްސަލަ ދެވަނަ ފަހަރަށް މިއަދު މަދަނީ ކޯޓަށް ހުށަހަޅައިފި އެވެ.މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން ފުރަތަމަ ލީ މަދަނީ ކޯޓަށެވެ. ނަމަވެސް އެފަހަރު މަދަނީ ކޯޓުން މައްސަލަ ބަލައި ނުގަތުމުން ހައިކޯޓަށް ހުށަހެޅީ އެވެ.ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ދަށު ކޯޓުގައި ކަމަށް ބުނެ ހައިކޯޓުން ބޭރު ކުރުމުން މިއަދު ހެނދުނު އަނެއްކާ ވެސް މަދަނީ ކޯޓަށް މައްސަލަ ވެއްދީ އެވެ. ދައުވާ ކުރައްވާ ފަރާތުން ވިދާޅުވީ މައްސަލަ ހުށަހެޅި ނަމަވެސް މިފަހަރު ވެސް މަދަނީ ކޯޓުން މައްސަލަ ބަލައިގަންނާނެކަން ނުވަތަ ނޫންކަން އަދި ނާންގަވާ ކަމަށެވެ.މި ދައުވާއަކީ ގާނޫނުގައި ބުނާ ޝަރުތު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކިބައިގައި ހަމަނުވާ ކަމަށް ބުނެ ގާނޫނު އަސާސީގެ 149 ވަނަ މާއްދާއާ ފުށުއަރާތީ ކުރާ ދައުވާއެއް ކަމަށް ދައުވާ ކުރާ ފަރާތް ތަމްސީލު ކުރައްވާ ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.ގާނޫނު އަސާސީގެ 149 މާއްދާގެ ނ. ގައި ބުނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރުގެ މީހަކަށް ވުމާ އެކު "ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާ އެކު އިސްލާމީ ޝަރީއަތް ނުވަތަ ގާނޫނީ ދާއިރާ އިން އިލްމް ލިބފައިވާ މީހެއް ކަމުގައިވާންވާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ