މުހައްމަދު ޝާހިދު ފުރުން މަނާކޮށް ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން މުހައްމަދު ޝާހިދު ހައްޔަރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރިން ވަނީ މުހައްމަދު ޝާހިދު ބަންދުގައި ބަހައްޓަން ނެރުނު އަމުރު ބާތިލްކޮށް އޭނާ ދޫކޮށްލައިފަ އެވެ. މުހައްމަދު ޝާހިދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 13 ދުވަހުގެ ނިޔަލަށް ފުރައިގެން ދިއުން މަނާކުރާ ކަމަށެވެ. އެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމުގައިވަނީ ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަކީ އެއްވެސް ހައްދެއް ނެތި ދޫކޮށްލެވިފައިވާ ހައްގެއް ނޫން ކަމަށާއި މީހުން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ހުކުމް ނުވަތަ އަމުރު ނެރުމަކީ އިމިގްރޭޝަންގެ ގާނޫނުން ކޯޓަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެކަންކަމަށް ރިއާޔަތްކޮށް ދަށު ކޯޓުގެ އެ އަމުރަށް ބަދަލު ގެންނަންނުޖެހޭ ކަމަށް ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ އިން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ