ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކުރާ ކަންތައްތަކުގައި އެއްބާރުލުން ދޭނަން: ޕޮލިސް
މާދަމާ ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ކަންތައްތަކާ އެއްގޮތަށް އިލެކްޝަން ކޮމިޝަނުން ކުރާ ހިންގާ ކަންކަމުގައި ފުލުހުންގެ އެއްބާރުލުން އެ ކޮމިޝަނަށް ދެމުން ގެންދާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. ފުލުސް އޮފީހުން އެހެން ބުނެފައިވަނީ އިންތިޚާބާ ގުޅިގެން އެ އިދާރާ އިން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"އާ ބެހޭ މައުލޫމާތު އާއްމު ކުރުމަށް ފުލުހުންގެ ވެބްސައިޓުގައި އާއްމުކުރި ބަޔާނެއްގަ އެވެ. ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރާ ކަންތައްތަކުގައި އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފައިވާ އިރު މިއަދު ހެނދުނު އޮތް ނިއުސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ނިއު ދިއްލީ އަށް ވޯޓު ކަރުދާސް ފޮނުވަން އުޅުނު ވޯޓާސް ލިސްޓްގައި ހުރިހާ ކެންޑިޑޭޓުން ސޮއިނުކުރާތީ އެއްބާރުލުން ނުދެވޭނެ ކަމަށް އެ ޓީމާ އެކު ދިޔަ ފުލުސް އޮފިސަރު އެންގި ކަމަށެވެ. ނަމަވެސް ސޮއިކުރެވުނުހާ އަވަހަކަށް ޕީޑީއެފްކޮށް ލިސްޓްތައް މެއިލްކުރާ ގޮތަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ ވާހަކަ ދައްކަަވައިގެން ފަހުން އެކަމަށް ހައްލެއް ލިބުނު ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ސިންގަޕޫރާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބަހައްޓާ ފޮށީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވޯޓު ކަރުދާހާ އެކު ފުލުހުންގެ އޮފިސަރުން ވަނީ ފުރައިފަ އެވެ. މިދިޔަ މަހުގެ ހަތެއްގައި ބޭއްވި އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ވޯޓު ކަރުދާހާއި އެ ނޫން ވެސް ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލަން ޖެހޭނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ކަމަށެވެ. މިދިޔަ ފަހަރާ ހިލާފަށް ރަށްރަށަށް ވޯޓު ކަރުދާހާއި ސާމާނު އުފުލުމުގައި އެހީތެރި ވަނީ ވެސް ފުލުހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. ނަމަވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު 7:30ގެ ކުރިން އަތޮޅުތަކަށް ނުފުރިއްޖެ ނަމަ މާދަމާ ވޯޓުލާން ފަށާ ގަޑި ޖެހޭ އިރު ހުރިހާ ސަރަހައްދުތަކަށް ވޯޓު ކަރުދާސްތައް ނުގެންދެވުން އެކަށީގެންވާ ކަމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގާފައިވެ އެވެ. އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުތަކާއި ވޯޓު ކަރުދާސްތައް ބައެއް ސަރަހައްދުތަކަށް ގެންދިއުމަށް ފްލައިޓްތައް ޗާޓަރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެގޮތުން، އުތުރުން ހއ. ފެށިގެން ޅ އަތޮޅަށް މިރޭ ދަންވަރު 2:45 އިން ފެށިގެން އެއްޗެހި ގެންދަނީ ފްލައިޓްތައް ޗާޓަރުކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ