ވަކީލުން މެދުވެރިކޮށް ނަޝީދުގެ އިނގިލީގެ ނިޝާން ހޯދޭނެ: އުމަރު
ޓެރަރިޒަމްގެ ކުށުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިނގިލީގެ ނިޝާން ވަކީލުން މެދުވެރިކޮށް ހޯދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އިނގިލީގެ ނިޝާން ނުޖަހައި ސިޔާސީ ޕާޓީތަކުގައި ތިބި މެމްބަރުން ވަކިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އޭގެ ތެރޭގައި ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އެމްޑީޕީން ބުނީ ނަޝީދުގެ އިނގިލީގެ ނިޝާން ހޯދަން އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދުމުން ކަރެކްޝަނަލް ސާވިސް އިން އެކަން ކޮށްދީފައި ނުވާ ކަމަށެވެ. އެމަނިކުފާނު 13 އަހަރުގެ ޖަލަށް ހުކުމް އިއްވާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ. ނަޝީދުގެ ވަކީލުން: ވަކީލުންނަށް ކޮންމެ ދުވަހަކު އެމަނިކުފާނާ ތިން ގަޑިއިރަށް ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބޭކަމަށް ހޯމް މިނިސްޓަރު ވިދާޅުވި. --ހަވީރު ފައިލް ފޮޓޯ ނަޝީދުގެ އިނގިލީގެ ނިޝާން ޖެހުމުގެ ފުރުސަތު ދެެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ކަމަށް އެ ޕާޓީން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި އުމަރު ވިދާޅުވީ ވަކީލުން މެދުވެރިކޮށް އެކަން ކުރަން އެމްޑީޕީ އަށް އަންގާފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ނަޝީދުގެ ވަކީލުން ތިން ގަޑިއިރަށް އެމަނިކުފާނާ ބައްދަލުކުރައްވައި އެކި ލިއުންތަކުގައި ސޮއިކުރައްވައި ފިންގާ ޕްރިންޓް ހޯއްދަވާ ކަމަށް އުމަރު ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކުން އިނގިލީގެ ނިޝާން ހަމަކޮށް، ފޯމުތައް ހުށަހަޅަން ޖެހޭ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެމްޑީޕީގެ ދެބައިކުޅަ އެއްބައި މެމްބަރުން، ގާތްގަނޑަކަށް 23،000 މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅަން ޖެހެ އެވެ. އެކަމަކު މުއްދަތު ހަމަވިއިރު އެ ޕާޓީން އިނގިލީގެ ނިޝާނާއެކު ފޯމްތައް ހުށަހަޅާފައެއް ނުވެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ސޮއިކޮށްފައި ތިބި މެމްބަރުން ވެސް އިނގިލީގެ ނިޝާން ހުށަހަޅަން އަންގާފައިވާތީ އެމްޑީޕީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ކޯޓުން މައްސަލަ ނިމެންދެން އިލެކްޝަން ކޮމިޝަންގެ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވިޔަސް ކޯޓުން ވަނީ އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށް ވެސް ނިންމައިފަ އެވެ. އެހެންވެ އެ އަމުރުގެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅަން ނޭންގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ލަފާ ދެއްވައިފަ އެވެ. އޭޖީގެ ލަފައާ ގުޅިގެން އިލެކްޝަނުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ