މެމްބަރު މުސްތަފާގެ ކުންފުންޏަކަށް ފަޅުރަށެއް ދިން މައްސަލާގައި އަދީބާ ސުވާލުކޮށްފި
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ތ. އަތޮޅުން ފަޅުރަށެއް ދިން މައްސަލާގައި، މިހާރު ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ފުލުހުން ސުވާލުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި އަދީބާ ސުވާލުކުރީ ޕީޕީއެމްގެ މެމްބަރު މުސްތަފާގެ މަސްލަހަތު އޮންނަ ސީވޯލް އެންޓަޕްރައިޒަސް އަށް ތ. އެކުރުއްފުށި ކިޔާ ފަޅުރަށެއް ދިން މައްސަލައިގަ އެވެ. ޖުލައި 16، 2015 ގައި އެ ރަށް މުސްތަފާގެ ކުންފުންޏަށް ދީފައި ވަނީ 300،000 ޑޮލަރަށް ކަމަށް އެނގިފައިވެ އެވެ. އަދި އަދީބުގެ މައްޗަށް ދައުވާކުރަން ފުލުހުން ފޮނުވި މައްސަލަތަކުގެ ތެރޭގައި އެކުރުއްފުށި، މުސްތަފާގެ ކުންފުންޏަކަށް ދިން މައްސަލަ ހިމެނެ އެވެ. އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަތަކުގެ އަދަދު މިހާރު ވަނީ 40 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭނާގެ މައްޗަށް ދައުވާކުރަން އެންމެ ފަހުން ފުލުހުން ޕީޖީ އަށް މައްސަލަ ފޮނުވީ އިއްޔެގަ އެވެ. އެއީ 25 މައްސަލަ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަޅުތަކާއި ރަށްތަކެއް އެކި ފަރާތްތަކަށް ދޫކޮށް، އެކަމުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ މިދިޔަ މަހު ވެސް ފުލުހުން ވަނީ 17 ރަށެއްގެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފަ އެވެ. ނަސަންދުރަ ޕެލަސް ހޮޓަލް ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ހިއްސާ އޮންނަ ކިނަމް ހޮލްޑިންގްސް އަށް ދިން މައްސަލާގައި ވެސް އަދީބުގެ މައްޗަށް ދައުވާކުރަން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ. ނަސަންދުރާ އަކީ މީގެ 34 އަހަރު ކުރިން، 1981 ގައި ސަރުކާރުން ހިންގަން ފެށި ތަނެވެ. އެހެން ނަމަވެސް ދަރުބާރުގޭ ސަރަހައްދުގައި ފަސް ތަރީގެ ހޮޓަލެއް އެޅުމުގެ ޕްރޮޖެކްޓް ޝަންގްރިއްލާއާ ހަވާލުކުރުމާ ގުޅިގެން މޭ 25، 2008 ގައި އޭރުގެ ސަރުކާރުން ނަސަންދުރާ ބަންދުކުރި އެވެ. އަލުން ނަސަންދުރަ ހިންގަން މަނިކުގެ ކުންފުންޏާ އެމްޑީޕީގެ ސަރުކާރުން ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ފަހުން އެތަން ދިގު މުއްދަތަކަށް މަނިކުގެ ކުންފުންޏަށް ދިން އުސޫލެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ