މިލާން ވިއްކާލަން އުޅޭ ވާހަކަތައް އަނެއްކާ ވެސް ދޮގުކޮށްފި

މިލާން (އެޕްރީލް 24) - އިޓަލީގެ މަޝްހޫރު ކްލަބު އޭސީ މިލާނުގެ މެޖޯރިޓީ ހިއްސާ ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ކްލަބުން ބުރާސްފަތި ދުވަހު ދޮގުކޮށްފި އެވެ. މިލާން ގަންނަން އުޅޭ ކަމަށް ބުނެ މީޑިއާގައި އަޑު ފަތުރާފައި ވަނީ ސިންގަޕޫރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕީޓާ ލިމް އެވެ. އިޓަލީގެ މީޑިއާ އިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި ސިންގަޕޫރުގެ ބިލިއަނާ އިންވެސްޓާ ލިމް ހުރީ 500 މިލިއަން ޕައުންޑަށް މިލާން ގަތުމަށް ތައްޔާރަށެވެ. މީގެ އިތުރުން ޗައިނާގެ ކުންފުންޏަކުން ވެސް މިލާން ގަތުމަށް ޝައުގުވެރިވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިލާނުގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިލާން ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރާފައިވާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށްވެ. މިލާން ވިއްކާލަން އުޅޭ ކަމަށް ބުނެ މާޗު މަހު ވެސް ވަނީ އަޑު އަރައިފަ އެވެ. އެ ފަހަރު ވެސް މިލާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ. މިލާން ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނީ ކްލަބުގެ ދެ ނައިބް ރައީސުން ކަމަށްވާ އެޑްރިއާނޯ ގަލިއާނީ އާއި ބާބަރާ ބާލުސްކޯނީއާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. އިޓާލިއަން ލީގުގައި މިލާނަށް މި ސީޒަނުގައި އެދެވޭ ކާމިޔާބީއަކާ ހަމައަށް ނުދެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ