ނޫމާން: ޒުވާން ޑިފެންޑަރުގެ އުންމީދުތައް ބޮޑު
އޭނާ ގިނަ ބަޔަކަށް ފާހަގަކުރެވުނީ، ކުޅޭއިރު ބޮލަށް ލިބިދާނެ ގެއްލުމަކަށް އަޅާ ހެޑްގާޑު އަޅައިގެން ކުޅޭތީ އެވެ. ބޮލަށް ލިބުނު އަނިޔާ އަކާ ގުޅިގެން ގާޑު އަޅާތީ އޭނާ އަށް ވަނަމަކަށް ކިޔަނީ ވެސް 'ހެލެމްޓް' އެވެ. އެކަމަކު އޭނާ އަކީ ހަގީގަތުގައި އިދިކޮޅު ފޯވާޑުންނަށް ހުރި 'ނުރައްކަލެ'ކެވެ. ނުވަތަ ފޯވާޑުންގެ ހަމަލާތައް ހުއްޓުވުމުގައި ޑިފެންސް ލައިނުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އަހުމަދު ނޫމާން ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ތަޖުރިބާކުރީ މިދިޔަ އަހަރެވެ. ނޫމާން ފުރަތަމަ ޑިވިޝަނަށް އާވި ނަމަވެސް، އޭނާ ކްލަބް އީގަލްސްގެ ޑިފެންސް ބެލެހެއްޓީ އެއްވެސް ޖެހިލުމެއް ނެތި އެވެ. މިދިޔަ ސީޒަންގައި ނޫމާން ދެއްކި މޮޅު ކުޅުން ސާބިތުވާ އެއްކަމަކީ މިދިޔަ އަހަރު ހަވީރުން ހޮވި 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު އޭނާ ހޯދުމެވެ. ނޫމާނަކީ ވަރަށް އާދައިގެ ފެންވަރެއްގައި ފުޓްބޯޅަ ކުޅެން ފެށި ކުޅުންތެރިއެކެވެ. ކ. ގުރައިދު އަށް އުފަން ކުޅުންތެރިއާ އެކުވެރިންނާ އެކު ވަރަށް ކުޑައިރުންސުރެ ފުޓްބޯޅަ އުޅެ އެވެ. އެކަމަކު އޭރު ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅުމަކީ އޭނާ ހިތަށް ވެސް އެރި ކަމެއް ނޫނެވެ. އެކަމަކު އެ ފުރުސަތަށް އޭނާ އަށް ދޮރު ހުޅުވުނީ 2011 ވަނަ އަހަރު ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތަކުންނެވެ. ބީޖީ ސްޕޯޓްސް އަށް ކުޅެން ލިބުމަކީ ރަނުގެ ފުރުސަތެއް ކަމަށް ނޫމާން ގަބޫލް ކުރެ އެވެ. "އެންމެ ފުރަތަމަ ބީޖީ އަށް ކުޅެން ފުރުސަތު ލިބުނީ ރައްޓެއްސެއްގެ ފަރާތުން. އޭރު ހިތަކަށް ވެސް ނާރާ ފުރަތަމަ ޑިވިޝަންގައި ކުޅެވިދާނެ ކަމަށް. އޭރު ހަމަ ކުޅެން ދިޔައީ ދެން ރަނގަޅު ފުރުސަތެއް ލިބުނީމަ. ފުޓްބޯޅަ އަށް ސީރިއަސްވެގެނެއް ނޫން އޭރު ކުޅުނީ،"-- ނޫމާން ބީޖީ އަށް ނޫމާން ވެގެންދިޔައީ މުހިންމު ކުޅުންތެރިއަކަށެވެ. ހާއްސަކޮށް 2012 ވަނަ އަހަރު ބީޖީން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދިއިރު، އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރި ނޫމާނަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތަކުގެ ސަމާލުކަން އޮތީ ލިބިފަ އެވެ. ނޫމާނަށް ކްލަބުތަކުގެ އިތުރު ސަމާލުކަމެއް ލިބުނީ 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދަ ރާޖަޕަކްސަ ޓްރޮފީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކާމިޔާބުކުރިއިރު، އެ މުބާރާތުގައި އޭނާ ދެއްކި ކުޅުމުންނެވެ. އޭރު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ނޫމާނަށް އިތުބާރުކޮށް، އޭނާ އަށް ދިން ފުރުސަތުގައި ނޫމާން ވަނީ ވަރަށް އިތުބާރާ އެކު ކުޅެފަ އެވެ. މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ މެޗަށް ނިކުތް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ހިމެނޭ ނޫމާން (ކ-3) އެހެން ކުޅުންތެރިންނާއެކު. -- ހަވީރު ފައިލް ފޮޓޯ "މި ފަހަރު މި އޮތް ޓީމުގެ ބައެއް ކުޅުންތެރިންނަކީ މުޅިން އަލަށް އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅުނު ކުޅުންތެރިން. މިސާލަކަށް ނޫމާން ބަލާ. މިއީ އޭނާ އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރު. އެކަމަކު އެ ތަޖުރިބާ ނެތްކަން އޭނާގެ ކުޅުމަކުން ނުފެނުނު،" އެ މުބާރާތަށް ފަހު "ހަވީރާ" ވާހަކަދައްކަމުން އުރުބާނީ ބުންޏެވެ. މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ލިބުނު ތަޖުރިބާއާ އެކު، 2013 ވަނަ އަހަރު ނޫމާން ފުރަތަމަ ޑިވިޝަނަށް ކުރިމަތިލީ ކްލަބު އީގަލްސް އިންނެވެ. އެ ކްލަބުގައި ކުޅުނު ފުރަތަމަ އަހަރު، ނޫމާންގެ ފަރާތުން ފެނުނު ކުޅުމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ ސީޒަންގައި އެކި ފަހަރު މަތިން ތައުރީފްކޮށްފަ އެވެ. މިދިޔަ އަހަރު ނޫމާން ދެއްކި ކުޅުމުގެ އެންމެ ހައްގު ބަދަލަކަށްވީ ހަވީރުން ހޮވި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު އޭނާ އަށް ލިބުމެވެ. ނޫމާން ބުނާ ގޮތުގައި އެވޯޑާ އެކު، ފުޓްބޯޅަ އަށް އޭނާ "ސީރިއަސްވެއްޖެ" އެވެ. ޝަކީބް (ވ) 21 އަހަރުން ދަށުގެ ކުޅުންތެރިއާގެ މަގާމު ހޯދި ނޫމާނަށް އެވޯޑް ހަވާލުކޮށްދެއްވަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު "ފުރަތަމަ ކުޅެން ފެށިއިރު، މި ކަހަލަ ކަމަކަށް އުންމީދެއް ނުކުރަން. އެކަމަކު މިހާރު ފުޓްބޯޅަ އަށް އިތުރަށް ސީރިއަސްވެއްޖެ. ފުޓްބޯޅައިގައި ވަރަށް ރަނގަޅަށް ކުރިއަށް ދާން ބޭނުންވޭ. އިތުރު ހިތްވަރެއް ލިބިގެންދިޔައީ،" ނޫމާން ބުންޏެވެ. ނޫމާން މިހާރު އަމާޒު ހިފައިވަނީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދުމަށެވެ. "މިހާރު ދެން ބޭނުންވަނީ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަން. އެކަމަށް ވަރަށް މަސައްކަތްކުރާނަން،" ނޫމާން ބުންޏެވެ. ނޫމާން މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު، ގައުމީ ޓީމަށް އެރުމަށް އޭނާ ކުރަމުންދާ އުންމީދުތައް ހަގީތަތަކަށްވުން ވަރަށް ގާތެވެ. ޒުވާން ޑިފެންޑަރުގެ އުންމީދުތައް ހާސިލްކުރުމަށް، ނޫމާން ހުރީ ވަރުގަދަ އަޒުމެއްގަ އެވެ. ހެލްމެޓް ބޭލުމުގެ އެއްވެސް ހިޔާލެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ