ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކުރަން އެދި، އެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް މުހައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ. އެ އިންތިޚާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރިއިރު އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ރަޝީދުގެ ވަކީލް އަދި ތުލުސްދޫ ދާއިރާއަށް އިންތިޚާބުވެފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މައްސަލައިގެ ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާއިރު ށ. ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެދި، އެ ދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އައްބާސް ވެސް ވަނީ ހައި ކޯޓަށް އިއްޔެ ހުށަހަޅައިފަ އެވެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ. އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި، ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ