އަބްދުﷲ ގާޒީ ހައްޔަރުކުރަން މަޝްވަރާކޮށްފައެއް ނުވާނެ: ޕީޖީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދު ހައްޔަރުކުރެއްވުމަށް ފުލުހުންނާއިއެކު އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ކޯނީގެ ރިޕޯޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހާޒިރުކުރެއްވުމުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރެއްވުމަށް ފުލުހުންނާއިއެކު އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެކަމަށް މުއިއްޒު ވިދާޅުވެފައި މިވަނީ ކޯނީ ރިޕޯޓްގެ މައްސަލައިގައި ފުލުހުންގެ ކުރީގެ ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު ޖިނާހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރެއްވުމުން އަބްދުﷲ ގާޒީ ހައްޔަރުކުރެއްވުމަށް ޕީޖީ މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ޖިނާހުގެ މިވާހަކަތައް ރިއާޔަތްކޮށް އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ މުއިއްޒު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން އެއްވެސް އަމުރެއް ނެރުމަށް ފުލުހުންނަށް ލަފާ ދެއްވާފައި ނުވާނެ ކަމަށެވެ.
ނަމަވެސް ކޮމިޓީގައި ޖިނާހު ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރެއްވުމުގެ ކުރިން ޕްރޮސެކިއުޓަރ ޖެނަރަލް އަޙްމަދު މުއިއްޒުއާއި ބަންޑާރަނައިބާއި، ފުލުހުން ގުޅިގެން އެމަސައްކަތް ކުރެއްވި ކަމަށާ، ރާއްޖެތެރޭގެ މެޖިސްޓްރޭޓް ކޯޓަކުން އެއަމުރު ނެރެގެން ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރެއްވުމަށް ޕީޖީ މުއިއްޒު ލަފާ ދެއްވި ކަމަށެވެ.
ޕީޖީ މުއިއްޒު ވިދާޅުވީ ތަފާތު އެކި މައްސަލަ ތަކުގައި ފުލުހުންނާ އަބަދުވެސް މަޝްވަރާ ކުރައްވާ ކަމަށާ، އެފަދަ މަޝްވަރާ ތަކުންވެސް ވަރަށް ގިނަ މައްސަލަ ތަކުގައި ގޮތެއް ނިންމާފައިވާނެ ކަމަށެވެ.
ވެރިކަން ބަދަލުވެގެން އެއް އަހަރު ފާއިތުވާއިރު، ޤާނޫނާއި ޤަވައިދާއި ޚިލާފަށް އަމަލުކުރެއްވި ފުލުހުންނާއި އެހެނިހެން ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުއްވިފަވޭތޯ ދެންނެވުމުން ޕީޖީ މުއިއްޒު ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ފިޔަވަޅު އަޅާފައިވާ ކަމަށާ، ދައުވާކުރަންޖެހޭ މައްސަލަ ތަކުގައި ދައުވާވެސް ކޮށްފައިވާ ކަމަށެވެ. އަދި ހަމަހަމަކަން ގެއްލޭގޮތަށް ދައުވާކޮށްފައި ނުވާނެ ކަމަށްވެސް ޕީޖީ މުއިއްޒު ވިދާޅުވިއެވެ.
ޕޮރޮސެކިއުޓަރ ޖެނަރަލްގެ މަޤާމުގެ ޒިންމާ އަދާކުރެއްވޭތޯ އާއި އެއްވެސް ފަރާތެއްގެ ނުފޫޒާއި ހެދި ބިރުގަނެތޯ ދެންނެވުމުން މުއިއްޒު ވިދާޅުވީ މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ، އެއްވެސް ފަރާތެއްގެ ނުފޫޒުން އެކަމުގެ ބިރަށް އެއްވެސް ކަމަކަށް ދީލާނުލައްވާނެ ކަމަށެވެ.
ކޮމިޓީއަށް މިއަދު ހާޒިރުކޮށް މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމަށް ކޮމިޓީގެ މުޤައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ފުރުސަތު ދެއްވުމުން ޕީޖީ މުއިއްޒު ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އޭނާ ހާޒިރުކޮށް ސުވާލުކުރެއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާ، ޕީޖީ އާއި ސުވާލުކުރެވޭނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ކަމަށެވެ.
ނަމަވެސް ކޮމިޓީގެ މުޤައްރިރު ވިދާޅުވީ އެކޮމިޓީއަށް ޕީޖީ ހާޒިރުކޮށް ސުވާލުކުރެވޭނެ ކަމަށާ، ޖަވާބުދެއްވަން ބޭނުން ނުވާ ނަމަ ހަނުހުންނެވިދާނެ ކަމަށެވެ. ޢަލީ ވަހީދު އެހެން ވިދާޅުވުމާއި ގުޅިގެން ޕީޖީ މުއިއްޒު ކޮމިޓީގެ މެންބަރުން ކުރެއްވި މުހިއްމު ގިނަ ސުވާލު ތަކަކަށް ޖަވާބު ދެއްވިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޕީޖީ އާއި އެކު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ބޭފުޅުންވެސް މިއަދު ހާޒިރުވެވަޑައިގެން ތިއްބެވިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ޕީޖީއާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ބޭފުޅުންގެ ގަދަރު ކުޑަވާގޮތަށް ކޮމިޓީގައި އަމަލުކުރައްވާ އެބޭފުޅުންނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރު ކޯފާ އިސްކުރައްވާ ޕީޖީ އަޙްމަދު މުއިއްޒުއާއި ސުވާލު ކުރެއްވި ނަމަވެސް މެންބަރުންގެ ސުވާލުތަކަށް ޕީޖީ މުއިއްޒު ޖަވާބުދެއްވީ ވަރަށް ބޮޑަށް ހަމަޖެހިވަޑައިގެން އިންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ