ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުން ބުރުގާ އެޅުން މަޖޫބުރުކުރަން ބާރަށު ސްކޫލް ބޯޑުން ފާސްކޮށްފި
ހއ. ބާރަށު ސްކޫލުގެ ގްރޭޑް ހަތަރަކުން ފެށިގެން މަތީގެ އަންހެން ދަރިވަރުން ސްކޫލަށް އަންނައިރު ބުރުގާ އެޅުން މަޖުބޫރުކުރާ ގަވައިދެއް އެ ސްކޫލްގެ ބޯޑުން ފާސްކޮށްފި އެވެ. އެ ސްކޫލު ބޯޑުގެ ޗެއާ އަހުމަދު ޔޫސުފް މިއަދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެ ސްކޫލުގެ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ކިޔަވަން ދާއިރު ބުރުގާ އެޅުމަށް ފާސްކުރީ ބެލެނިވެރިންގެ އިސްނެގުމުގެ މަތިން ކަމަށެވެ. އަދި އެކަން ސްކޫލުގެ މެނޭޖްމެންޓާއި ބޯޑުން ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔޫސުފް ވިދާޅުވި ގޮތުގައި ޔުނީފޯމުގައި ދަރިވަރުން ބުރުގާ އަޅަން މަޖުބޫރުކުރާ ގަވައިދެއް ހެދީ، ބުރުގާ އަކީ އިސްލާމްކަން ރަމްޒުކޮށްދޭ ކަމަކަށް ވެފައި އެކަމަށް ދަރިވަރުން އަހުލުވެރިކޮށް ލޯބި ޖެއްސުމުގެ ގޮތުންނެވެ. އަދި މިހާރު ގިނަ ސްކޫލުތަކުގެ ޔުނީފޯމު ވެސް ބަދަލުކުރަމުން އަންނާތީ ބާރަށު ސްކޫލުގެ ދަރިވަރުންގެ ޔުނީފޯމަށް ވެސް ބަދަލުތަކެއް ގެނައީ ކަމަށް އޭނާ ވިދާޅުވި އެވެ. މި ގަވައިދުގެ ދަށުން އަންހެން ކުދިންގެ ޔުނީފޯމުގެ ގޮތުގައި ފާސްކުރީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ސްކާޓަކާއި ހުދު ހަރުވާޅެކެވެ. އަދި ފިރިހެން ކުދިންގެ ޔުނީފޯމުގެ ވެސް އަތް ދިގުކޮށް، ޓައީ އަޅަން ޖެހޭ ގޮތަށް ފާސްކޮށްފައިވެ އެވެ. އޭނާ ވިދާޅުވީ ބަލި ހާލަތު ހުންނަ ގޮތުން ބައެއް ކުދިން އެ ގަވައިދުން އިސްތިސްނާ ކުރެވިދާނެ ކަމަށެވެ. އަދި އެކަމަށް ސިއްހީ ސެޓްފިކެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ޔޫސުފް ވިދާޅުވި އެވެ. "މިހާރު ވެސް މި ސްކޫލުގެ ގިނަ އަންހެން ކުދިން ތިބޭނީ ބުރުގާ އަޅާފައި. އަޅުގަނޑުމެން ދެކޭ ގޮތުގައި ބުރުގާ އަޅަން މަޖުބޫރުކުރުމަކީ ސްކޫލުން ނިންމި ވަރަށް ރަނގަޅު ކަމެއް،" 300 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލު ބޯޑުގެ ޗެއާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަދަ ގަވައިދެއް ސްކޫލް ބޯޑުން ފާސްކުރި ނަމަވެސް އެއަށް އަމަލު ކުރެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ރުހުން ދިނުމުން ކަމަށެވެ. މި ކަމާ ބެހޭ ގޮތުން ސްކޫލް މެނޭޖްމަންޓްގެ ބަހެއް "ހަވީރަ"ށް ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ