އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށާއި ބޭރުގެ އަރަބި އިސްލާމީ ގައުމުތަކުން މިހާރު ރާއްޖެއަކީ އެގައުމުތަކާއި އެކީގައިވާ ގައުމެއް ކަމަށް ނުދެކޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ "ގުޅިގެން ނިންމައިފިން" ނަމުގައި ޕީޕީއެމާއި އެމްޑީއޭއިން މިރޭ ދަރުބާރުގޭގައި ބޭއްވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީޕީއެމްގެ ހާރިޖީ ސިޔާސަތުގެ މައްޗަށް ބިނާވެގެންދާ ނުކުތާތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ތަސައްވުރު ހަރުދަނާ ކުރެއްވުމަށް ބޭރުގެ ގައުމުތަކާއި ބޭރުގެ ޖަމުޢިއްޔާތަކާއި ގުޅުން ބަދަހި ކުރަންޖެހޭ ކަމަށާއި ރާއްޖެ ތަރައްގީކޮށް އާރާސްތު ކުރެވޭނީ ބޭރުގެ ގައުމުތަކުގެ އެހީގައި ކަމަށެވެ.
"އިސްލާމް ދީނަށް ގޮންޖެހުންތަކެއް އެ ސަރުކާރުން މެދުވެރި ކުރީމަ ހުރިހާ އަރަބި އިސްލާމީ ގައުމުތަކުން ވަނީ ރާއްޖެ ބަލައި ނުގަންނަ ގޮތްވެފަ، ރާއްޖެއަކީ އިސްލާމީ ގައުމުތަކަށް ކަމޭހިތާ، އިސްލާމީ އަގީދާތަކަށް ލޯބި ކުރާ އިސްލާމްވަންތަކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ގައުމެއް ކަމަށް ބޭރު އިސްލާމީ ގައުމުތަކުން މިހާރު ނުދެކޭ،" މައުމޫނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެއީ ހިތާމަހުރި ކަމެއް ކަމަށާއި އެ ގައުމުތަކާއި ގުޅުން ބަދަހި ކުރަން ޖެހޭކަމަށެވެ. އެގޮތުން އަރަބި އިސްލާމީ ގައުމުތަކަށް ދިމާވާ ކަންކަމުގައި އެ ގައުމުތަކަށް ތާއީދުކޮށް އަޑު އުފުލަން ޖެހޭ ކަމަށާއި ފަލަސްތީނާއި އަފްޣާނިސްތާނު ފަދަ ގައުމުތަކާ އެކީގައިވާކަން ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުގެ އެއްބާރުލުން ލިބިގެންދާނީ އޭރުން ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅަނގުގެ ގައުމުތަކާއެކުގައި ވެސް ރަނގަޅު ގުޅުމެއް ގައިމް ކުރަންޖެހޭ ކަމަށާއި އެގޮތުން ހުޅަނގުގެ ގައުމުތަކުން އެދޭ އެންމެ ބޮޑު ކަންތައްކަމުގައިވާ ޑިމޮކްރަސީ ރާއްޖޭގައި އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި ސާކް ގައުމުތަކާއެކު ވެސް ގުޅުން ބަދަހި ކުރަންޖެހޭ ކަމަށާއި އެގޮތުން އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާއާއެކު ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ.
އަރަބި އިސްލާމީ ގައުމުތަކުން މިހާރު ރާއްޖެ ބަލައެއް ނުގަނޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ