ކެމެރާ ނުވެއްދޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލާން ނިކުންނައިރު ވޯޓްލާ މަރުކަޒުތަކަށް ނޫސްވެރިންނަށް އެމީހުން އިންތިހާބު ކަވަރުކުރަން ބޭނުންވާ ވަސީލަތްތައް ވެއްދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލް އަލީ ހުސައިން އެވެ.
އޭނާ މިމައްސަލަ ކޯޓަށް ވެއްދީ ވޯޓްލުން ކުރިއަށްދާއިރު ވޯޓްލާ ސަރަހައްދަށް ވެއްދޭނީ ހަމައެކަނީ ގަލަމެއް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ހުކުމާއި ހަވާލާދީ އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ.
މިމައްސަލައިގައި އަލީ ހުސައިން އެދިފައިވަނީ ވޯޓްލާ މަރުކަޒަށް ގަލަމެއް ފިޔަވައި އެހެން އެއްޗެއް އެއްވެސް މީހަކަށް ނުވެއްދޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާތީ މީޑިއާތަކާއި ނޫސްވެރިން އެ ހާލަތުން އިސްތިސްނާ ކުރުމަށާއި، އަދި އެގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
ރިޔާސީ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަށް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވޯޓުލުމަށްޓަކައި ނުވަތަ އެ ނޫން ގޮތަކުން ކަމަށް ވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަހާއި ފައިލް ފަދަ ކެންޑިޑޭޓެއްގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަށް ބެލެވޭ އެ ނޫންވެސް އެފަދަ ވަސީލަތެއް ވެއްދުމަކީ މަނާ ކަމެއް ކަމަށް ހަމަޖެއްސުމާއެކު އެފަދަ އަމަލެއް ނުހިންގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ