ޕީޕީއެމްގެ މަޖިލިސް ޕްރައިމަރީގައި އަލީ އުމަރު ވާދަކުރަނީ
އަންނަ މާޗް 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅީ އުތުރު ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު (އައްޔަ) ނިންމައިފި އެވެ. ސޯޅަ އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން މިދިޔަ ހުކުރުދުވަހުގެ ރޭ އިއުލާން ކުރި އަލީ އުމަރު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި ފުޓްބޯޅަ ކުޅުން ހުއްޓާލި މައިގަނޑު އެއް ސަބަބަކީ ވެސް "މިކަހަލަ ކަމަކަށް ޖާގަ އޮތީމަ" އެވެ. "ޕީޕީއެމްގެ ވެސް ވަރަށް ގިނަ މީހުންގެ ރިކްއެސްޓެއް މިއީ،" މިދިޔަ މަހު ރަސްމީކޮށް ޕީޕީއެމަށް ސޮއިކުރި އަލީ އުމަރު، 32، ބުންޏެވެ. އޭނާ ބުނީ ސިޔާސީ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ކަމަށާއި 2005 ވަނަ އަހަރުން ފެށިގެން އެކިއެކި އިންތިޚާބުތަކުގެ ކެމްޕެއިން އުޅެފައިވާނެ ކަމަށެވެ. ޕީޕީއެމްގެ ޕްރައިމަރީގައި އަލީ އުމަރާ ވާދަކުރާނެ ކަމަށް ބެލެވެނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާ ކަމަށް އޭނާ ބުންޏެވެ. މައްޗަންގޮޅީ އުތުރު ދާއިރާގެ ޕްރައިމަރީ އަލީ އުމަރު ކާމިޔާބުކޮށްފި ނަމަ އޭނާއާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މިހާރު ވެސް އެ ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ނުވަތަ އައިޝަތު ވެލެޒިނީ އެވެ. އަލީ އުމަރު ވިދާޅުވީ ޕްރައިމަރީން އޭނާ ހޮވިއްޖެ ނަމަ "ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. "އެއީ އަޅުގަނޑުގެ ފަހަތުގައި ވަރަށް ބައިވަރު ޒުވާނުން އެބަތިބި،" އޭނާ ބުންޏެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 24ގަ އެވެ. ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ