"ހަވީރު"ގެ ސާފް ސުޒުކީ ކަޕުގެ ކަވަރޭޖް މައިލޯ އިން ސްޕޮންސާކޮށްފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕުގެ، "ހަވީރު" ގެ ކަވަރޭޖް، ދުނިޔޭގެ އެންމެ މަގުބޫލު އެއް ލުއި ބުއިން ކަމަށްވާ ނެސްލޭ ކުންފުނީގެ މައިލޯ އިން ސްޕޮންސާކޮށްފި އެވެ. މި ކަވަރޭޖްގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި ހަވީރު މީޑިއާ ގްރޫޕްގެ ފަރާތުން ސީއީއޯ ރިއްފަތު މުހައްމަދު ސޮއިކުރެއްވި އިރު މައިލޯގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގެ އޭޖެންޓެއް ކަމަށްވާ ލިލީ އެންޓަޕްރައިޒެސްގެ މެނޭޖިން ޑިރެކްޓަރު މައްލާ އަހުމަދު ނާސިރެވެ. ހަވީރާއި މައިލޯ އިން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުން. އިންޑިއާގެ ޓްރިވެންޑްރަމްގައި މި މަހު ފަށާ މުބާރާތުގައި "ހަވީރު"ން ގެނެސްދޭ ހާއްސަ ކަވަރޭޖް ސްޕޮންސަ ކުރެއްވުމަށް ފަހު ނާސިރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އިޝްތިހާރުކޮށް އާއްމުންނަށް އޭގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އެންމެ ކުރީގައި އޮތީ "ހަވީރު" ކަމަށެވެ. އެގޮތުން "ހަވީރު"ން ރާއްޖޭގެ ގައުމީ ޓީމުތަކާ ގުޅޭ ކަންކަން އުޅޭތީ މައިލޯ އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ. ހަވީރު މީޑިއާ ގްރޫޕުގެ ސީއީއޯ ރިއްފަތު (ވ) އާއި ލިލީ އެންޓަޕްރައިޒަސްގެ މެނޭޖިން ޑިރެކްޓަރު މައްލާ ނާސިރު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރައްވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އެކި ކުޅިވަރުތަކަށް ވަރަށް ލޯބިކުރައްވާ އަދި ކުރިން ބައެއް ކުޅިވަރުތައް ކުޅުއްވި ނާސިރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުޅިވަރަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި މައިލޯ އިން ކުޅިވަރުގެ ދާއިރާ އަށް ދޭ އެހީތެރިކަމުގެ ސަބަބުން ކުޅުންތެރިންނަށް ފައިދާވާ ކަމަށާއި މަގުސަދަކީ ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އަދި އެހެން ވެސް ކުޅިވަރުތަކުން ހުނަރުވެރި ކުޅުންތެރިން އުފެދުން ކަމަށް ވިދާޅުވި އެވެ. ސާފް ސުޒުކީ ކަޕުގެ ކަވަރޭޖަށް ހާއްސަ ސެކްޝަނެއް "ހަވީރު" އޮންލައިނުގައި ވަނީ ގާއިމްކޮށްފަ އެވެ. މި ސެކްޝަނުގައި މުބާރާތާ ގުޅޭ އެންމެ ފަހުގެ ހަބަރާއި ފޮޓޯ އަދި ފީޗާ ރިޕޯޓްތައް ހުންނާނެ އެވެ. އޭގެ ތެރޭގައި މާޒީގެ ތަރިންނާ ބެހޭ ރިޕޯޓްތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން މުބާރާތުގެ ޝެޑިއުލާއި ޓީމުތަކާއި ކުޅުންތެރިންގެ މައުލޫމާތު ވެސް ލިބެން ހުންނާނެ އެވެ. ސާފް ސުޒުކީ ކަޕަށް ހާއްސަ ފޮތެއް ނެރެން ވެސް ވަނީ ހަމަޖައްސައިފަ އެވެ. "ހަވީރު"ން އަންނަނީ 1991 އިން ފެށިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވާ ބޮޑެތި މުބާރާތްތައް ވަގުތުން ކަވަރުކުރަމުންނެވެ. އޭގެ ތެރޭގައި ސާފް ގޭމްސް އާއި މިހާތަނަށް ބޭއްވި ހުރިހާ ސާފް ޗެމްޕިއަންޝިޕެއް ހިމެނެ އެވެ. އެގޮތުން 1997، 1999، 2003 އަދި 2005 ގެ ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން "ހަވީރު" ނޫން އެހެން އެއްވެސް މީޑިއާއަކުން ބޭރަށް ދަތުރުކޮށްފައެއް ނުވެ އެވެ. ހަވީރުގެ އެޑިޓަރު މޫސާ ލަތީފް ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ނޭޕާލުގައި 1997 ގައި ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކަވަރުކުރެއްވި ރާއްޖޭގެ ހަމައެކަނި ރިޕޯޓަރު އަދި މިހާރު "ހަވީރު"ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި ގޮތުގައި މި ފަހަރުގެ ހާއްސަ ކަވަރޭޖްގައި މައިލޯ ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި "ހަވީރު"ގެ މިފަހަރުގެ ކަވަރޭޖް ވެސް ވަރަށް ހާއްސަވެފައި، މައުލޫމާތު މުއްސަނދިވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ސުޒުކީ ކަޕް ކަވަރުކުރަން "ހަވީރު"ގެ ހާއްސަ ޓީމެއް ޓްރިވެންޑްރަމަށް ދަތުރުކުރާނެ އެވެ. މައިލޯ އިން އަންނަނީ ރާއްޖޭގެ ކުޅިވަރަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ފާއިތުވި ހަތް އަހަރު ސްޕޮންސާކުރުމުގެ އިތުރުން ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓްބޯޅަ، އެތުލެޓިކްސް، ސްވިމިން އާއި އެނޫން ވެސް ގިނަ ކުޅިވަރު ޓީމްތަކާއި މުބާރާތްތައް ސްޕޮންސަކުރުމުގައި ވެސް މައިލޯ އިސް ދައުރެއް އަދާކުރެ އެވެ. މައިލޯގެ ރާއްޖޭގެ އެމްބެސެޑަރަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ލިލީގެ މެނޭޖިން ޑިރެކްޓަރު މައްލާ ނާސިރުގެ އިންޓަވިއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ