ޝަރީއަތް ފަސް ނުކުރުމަށް ހުޅުމާލޭ ކޯޓުން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ އަޑުއެހުން ފަސްކޮށް ދިނުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ޝަރީއަތް ފަސް ނުކުރާ ގޮތަށް ހުޅުމާލޭ ކޯޓުން ނިންމައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޖުޑިޝަރީގެ މީޑިއާ ޑިޕާޓްމެންޓުގެ ސްޕޯކްސްޕާސަން މިއަދު ވިދާޅުވީ ޝަރީއަތް ފަސްކޮށް ދިނުމަށް ނުރަސްމީ ގަޑިގައި ސިޓީއަކުން ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިޓީގައި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ކެމްޕޭނުގައި އުޅުއްވާތީ ކަމަށާއި އެއީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީއަތް ފަސް ކުރަން މަގުބޫލު ސަބަބެއް ނޫން ކަމަށެވެ. ލަތީފާ ވިދާޅުވީ ރައީސް ނަޝީދަށް އަދި ޖަވާބެއް ދީފައިނުވާ ކަމަށާއި މާދަމާ ރަސްމީގަޑީގައި އެމަނިކުފާނަށް ޖަވާބު އަރުވާނެ ކަމަށެވެ.
މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ އަޑުއެހުމަށް ބަންދުގައި ބަހައްޓައިގެން ރައީސް ނަޝިދު ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ އިރު، އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހުގެ ފަހުގެ ތާރީހެއްގައި ބާއްވައި ދިނުމަށް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ. އަދި ކުރިން ބޭއްވި އަޑުއެހުމަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުވެވަޑައިގަންނަވާނެ ކަމުިގެ ޔަގީންކަން ވެސް ރައީސް ނަޝީދުވަނީ ކޯޓަށް ދެއްވާފައެވެ.
ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު 8 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޝަރީއަތަށް ހާޒިރު ނުވުމަށް މަގުބޫލު އުޒުރެއް ކަމަށް ބެލެވޭނީ ހާޒިރު ނުވެވޭ ފަދަ ބައްޔެއް ޖެހިގެން ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި އެއްގަމު ދަތުރު ނުކުރެވޭ ވަރުވުމާއި ގާޒީއަށް މަގުބޫލު ކަމަށް ބެލެވޭ އެހެން އުޒުރެއް މެދުވެރިވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ