ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ. އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ނަޝީދުގެ އަމަލުތައް ހުރީ ގާނޫނުއަސާސީ އާއި އޭގެ ރޫހާ ޚިލާފަށް ކަމަށްވާތީ ކެންޑިޑެސީއާ މެދު ގޮތްތަކެއް ނިންމަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެކަމުގައި އިލެކްޝަންސް ކޮމިޝަނުން ވެސް އެ މީހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަން ފާހަގަކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ޝަރުތުގެ މައްޗަށް ބިނާވުމަށްވުރެ ބޮޑަށް މިކަން ދުސްތޫރީ ގޮތުން ގޮތެއް ކަނޑައަޅައި، އާންމުންގެ މަސްލަހަތު ނިންމުމަށް ބާރު އެޅޭ ގޮތަށް ނިންމުން މުހިންމު ކަމަށް ދެކޭތީ މި މައްސަލަ ހުށަހެޅީ،" ވަހީދު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ވަނީ ވޯޓު ކަރުދާސް ޗާޕްކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. އެ ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް ހުށަހެޅޭ މައްސަލަ ބަލައިގަތުމަށް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ވެސް މައްސަލަ ހުށަހަޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މައްސަލަ ހުށަނާޅައި ދޫކޮށްލައިފަ އެވެ. ނަޝީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާތީ 2008 ވަނަ އަހަރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބެލި އެވެ. ނަމަވެސް އޭރު އެ ކޯޓުން ނިންމީ ނަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ ދީނުގައި ހައްދު ކަނޑައެޅިފައިނުވާ ވައްކަމެއް ކަމަށްވާތީ ނަޝީދުގެ ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އޭރު ނިންމީ އިންތިގާލީ ސުޕްރީމް ކޯޓުން ކަމަށްވާތީ މިހާރު އޮތް ދާއިމީ ސުޕްރީމް ކޯޓަށް އެ މައްސަލަ އަލުން ބެލިދާނެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ ނަމަ ރައީސް ކަމަށް ކުރިމައްޗެއް ނުލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ