ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުން ކޮންމެ ނުރައްކަލަކާވެސް ކުރިމަތިލާން ތައްޔާރު: އުމަރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކޮންމެ ނުރައްކަލަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެކަމަށް ތައްޔާރަށް ހުންނެވިކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަށް ވިދާޅުވެފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ކެމްޕެއިންގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނަށް ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި އުމަރު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ ވޯޓް ހޯދުމަށް މާލެއާއި އަތޮޅުތެރޭގެ ގޭގެއަށް ވަންނަން ޖެހޭކަމުގައެވެ. އަދި އެކަމަކީ "އެމްޑީޕީގެ ގުންޑާއިން"ގެ ކުރިމަތީގައި ކުރުން ފަސޭހަކަމެއް ނޫންކަމަށާއި ނަމަވެސް ރިޔާސީ ޓިކެޓް އުމަރަށް ލިބިވަޑައިގެންފިނަމަ އެކަންވެސް ކުރައްވާނެކަމަށް އުމަރު ވިދާޅުވިއެވެ.
"ފަސޭހައެއް ނުވާނެ ރަށްރަށަށް ދަތުރުކުރުން، އަންހެންވެރިން ހަނޑޫހޮވަން ތިއްބައި ދޮލަގުން ހަނޑޫކައިގެން، އެހާ އުނދުނުގެ ފުއްޑަނާއި ހަމައަށް ވާސިލްވެގެން ނޫނީ އިންތިހާބު ކާމިޔާބެއް ނުވާނެ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ ނެތްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ކުރިން ސަރުކާރުގައި ހިމެނިފައިވާ މީހަކަށްވުރެ އަލަށް ނިކުންނަ މީހަކަށް އެޑްވާންޓޭޖްތަކެއްވެސް އަބަހުރިކަމުގައެވެ. އަދި ސަރުކާރެއްގައި ބައިވެރިވެފަހުރި މީހަކީ ލައްގަނޑުތަކެއް ހުރި މީހަކަށްވުން އެކަށީގެންވާ މީހެއްކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ބަލާނަމަ އަލަށް ނިކުންނަ މީހަކަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.
އުމަރުވަނީ ޕީޕީއެމްގައި އުމަރު އިސްސަފުގައި ހުންނަވައިގެން ހޯދާފައިވާ ކާމިޔާބީތަށް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތް އުމަރު ފާހަގަ ކުރެއްވިއެވެ. އުމަރު ވިދާޅުވީ ކުރައްވާނެކަމަށް ވިދާޅުވާ ކޮންމެ ކަމެއްވެސް ތަނެއް ބިންދާލައިގެން ނަމަވެސް ކުރައްވާނެކަމުގައެވެ.
އަދި ދަތުރު ފެށުމަށްފަހު ވަކިހިސާބަތުން "ތިޔަބޭފުޅުން" ކަނޑަށް ނުބާލާނެކަމަށާއި މަންޒިލަށް ވާސިލްވެވެންދެން ދަތުރުކުރައްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ