ފީއަލީ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކޮށްފި

ފ. ފީއަލީ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ. ފެނަކަ ކޯޕަރޭޝަންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގެ ބަދަލު ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. އަދި ފީއަލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލެވެ. ފެނަކަ ކޯޕަރޭޝަންގެ ނިމާލް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ފީއަލީ ރައްޔިތުންނަށް އަގު ހެޔޮކޮށް ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ކުރިން ރައްޔިތުންގެ އަތުން ޓެރިފް ރޭޓުގެ ގޮތުގައި ފަސް ރުފިޔާ ނެގި ނަމަވެސް އެ ކުންފުނިން ހަވާލުވުމަށް ފަހު ނަގާނީ 2.20ރ. ކަމަށް އޭނާ ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ރައްޔިތުންނަށް ދެވަނަ ފައިދާއަކީ އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ ކައިރި މުސްތަގުބަލެއްގައި އާ އިންޖީނެއް އެރަށަށް ގެންގޮސް އިންޖީނު އިންސްޓޯލްކޮށް އެ ރަށުގެ މިހާރުގެ ކަރަންޓުގެ ހާލަތު އެއްކޮށް ބަދަލު ކުރުން. އެހެންވެ މިއީ ރައްޔިތުންނަށް ހިދުމަތުގެ ގޮތުން ލިބިގެންދާނެ ކުރިއެރުމެއް،" ނިމާލް ވިދާޅުވި އެވެ. ފީއަލީ ކައުންސިލްގެ ރައީސް ޖަލީލް ވިދާޅުވީ އެ ރަށުގެ އިންޖީނުގެ ރަނގަޅު ފެންވަރެއްގައި ހިންގުމަކީ 2008 ވަނަ އަހަރު ފެށިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. "މިއީ ފީއަލީ ރައްޔިތުންގެ ހުފަވެގެން ހަގީގަތަކަށް ވުން. މުސްތަގުބަލުގައި ވެސް ކައުންސިލުން ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ކަންތައްތައް ކޮށްދޭނަން،" ޖަލީލް ވިދާޅުވި އެވެ. ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ފީއަލީ އިންޖީނުގެ ބަދަލުކުރުމުގެ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކުރި ނަމަވެސް ރަސްމީކޮށް މަސައްކަތް ފެށިގެންދާނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ