"ދިވެހި އުއްްމަތުގެ ޙައްޤުގާ ހަށިފޮޅާލާ، ދިވެހި ދިދަ ހިމާޔަތްކުރަން އަތުގުޅާލާ
ދިވެހި ލޭންނެ މިތާ ނަން ފަވާލާ، ދިވެހި ބިމުގެ ޝަރަފައްޓަކައި މާތްވިދީނާ"
މީގެ 27 އަހަރު ކުރިން މި ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެއަށް އަލިވިލިގެން ދިޔައީ ބަޑީގެ އަޑުފަށްގަނޑާއެކުގައެވެ. އެދުވަހު މާލެއަށް ބާޣީން އަރައި ރާއްޖެ ވެރިކަން ދަމައިގަތުމަށް އެ ބާޣީން ވަނީ މަސައްކަތްކޮށްފައެވެ. ބާޣީންގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގެ ސިފައިންގެ މައި މަރުކަޒު އެމީހުންގެ އަތް ދަށަށް ގެންދިއުމެވެ. ނަމަވެސް އެމީހުންގެ އެ އަމާޒު ނާކާމިޔާބުކޮށްލީ އެންމެ 20 އަހަރުގެ ދިވެހި ޒުވާނެކެވެ. އެއީ ހދ. ކުޅުދުއްފުށީ މާވާގެ ޝަހީދު ކޯޕްރަލް ޙުސެއިން އާދަމެވެ.
ޝަހީދު ކޯޕްރަލް ޙުސެއިން އާދަމަށް މުޅި ގައުމު ފަހުރުވެރިވާއިރު ޝަހީދު ކޯޕްރަލް ހުސެއިން އާދަމް އުފަން ރަށް ކަމަށްވާ ކުޅުދުއްފުށީ ރައްޔިތުންގެ ހިތްތަކުގައި ހުސެއިން އާދަމަށް ވަނީ ހާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައެވެ. އެދުވަހެއް ހުސެއިން އާދަމަށް ނިސްބަތްވާ ނަސްރުގެ ދުވަހަކީ ކުޅުދުއްފުށީ ރައްޔިތުން އެންމެ އިސްކަމެއްދީގެން ފާހަގަކުރަމުން އަންނަ ދުވަހެވެ.
ޝަހީދު ކޯޕްރަލް ހުސެއިން އާދަމަށް ކުޅުދުއްފުށީ ރައްޔިތުންގެ ހިތްތަކުގައިވާ ލޯތްބާއި ގަދަރު އެމީހުންނަށް ހާމަކުރެވެން އޮންނަނީ ހަމައެކަނި ނަސްރުގެ ދުވަހުއެވެ. މިނޫން ގޮތެއް ރައްޔިތުން ބޭނުންވެއެވެ. ރަށުގައި ހުސެއިން އާދަމްގެ ހަނދާން އަބަދަށް ދެމިގެން ހުންނާނެ ގޮތެއް ރައްޔިތުން ބޭނުންވެއެވެ. ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީ ރައްޔިތުން އިންތިހާއަށް ބޭނުންވެއެވެ.
"އެއީ ވަރަށް ކުރަން ބޭނުންވާ ކަމެއް، ރަށުގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ހުންނަން ޖެހޭނެ، އެއީ އަހަރެމެންގެ ފަޚުރަކީ، ޝަހީދު ހުސެއިން އާދަމަކީ ކުޅުދުއްފުށީގެ ފަޚުރު،" ކުޅުދުއްފުށީގެ ޒުވާނަކު ބުންޏެވެ.
ކުޅުދުއްފުއްޓަށް އުފަން ހުސެއިން އާދަމް ޝަހީދުވިތާ 27 އަހަރު ފުރުނުއިރު މިފަދަ ބިނާއެއް ކުޅުދުއްފުށީގައި ނެތުމަކީ ރައްޔިތުން އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. ހަނދާނީ ބިނާއެއް ނެތްއިރު ހުސެއިން އާދަމްގެ ހަނދާނީ އެއްވެސް ތަނެއް ކުޅުދުއްފުށީގައި ޤާއިމުކުރެވިފައެއް ނެތެވެ.
"ހަނދާނީ ބިނާއެއް ވެސް އަޅަންވީ، ހަމަ އެގޮތަށް ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކުޑަކުދިންނަށް އައިސް ކުޅެލެވޭ ގޮތަށް ޕާކެއް ވެސް ހަދަންވީ، އެ ޕާކުން ޝަހީދު ހުސެއިން އާދަމާ ބެހޭ މައުލޫމާތު ލިބެން ހުންނަންވާނެ، ހުސެއިން އާދަމަކީ ލާމަސީލު މިސާލެއް، ދަރިންނަށް އެ ހިތްވަރާއި ކެރުން ދަސްކޮށްދޭންޖެހޭ،" ކުޅުދުއްފުށީގެ ރައްޔިތަކު ބުންޏެވެ.
ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިން ކަމަށްވާ އާދަމް މުޙައްމަދު އާއި އައިޝަތު ހަސަން އަދިވެސް ދުނިޔޭގައި ތިބިއިރު އެ ދެމަފިރިންނަކީ ކުޅުދުއްފުށީގައި ހާއްސަ ގަދަރެއް ލިބިފައިވާ ދެމަފިރިންނެވެ. އެ ދެމަފިރިން ވެސް އެ ދެމަފިރިންގެ ދަރިފުޅުގެ ހަނދާނީ ބިނާއެއް ރަށުގައި ޤާއިމުކުރަން ބޭނުންވާނެ ކަމަކީ ޔަޤީން ކަމެކެވެ.
"ވެލްކަމް ޓު ކުޅުދުއްފުށި އިންނަންވީ ޝަހީދު ހުސެއިން އާދަމަށް ނިސްބަތްވާ ގޮތަށް،" އެ ރަށުގެ ރައްޔިތެއްގެ ޚިޔާލު ފާޅުކޮށްލިއެވެ.
ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި ގާއިމުކުރުމަކީ އެރަށު ކައުންސިލުން ވެސް އެދޭ ކަމެކެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު "ވަގުތަށް" ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި އެޅުމަށް އަދި އެއްވެސް މަސައްކަތެއް ރަސްމީކޮށް ކޮށްފައިނުވާނެ ކަމަށާއި އެހެންނަމަވެސް ނުރަސްމީކޮށް އެކަހަލަ ވާހަކައެއް ދެކެވިފައިވާ ކަމަށެވެ.
ކައުންސިލްގެ ރައީސްގެ ވިދާޅުވީ އެފަދަ ބިނާއެއް ކުޅުދުއްފުށީގައި އެޅުމަށް ސަރުކާރުން ވެސް އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަމިއްލަ ފަރާތަކުން ވެސް ރަސްމީ ގޮތެއްގައި ކައުންސިލާ އެފަދަ ކަމެއް ކުރުމަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އަލީ މުޙައްމަދު ވިދާޅުވީ ރަށުގައި ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ހުންނަން ޖެހޭނެ ކަމަށާއި 27 އަހަރުވީއިރު އެފަދަ ބިނާއެއް ނެތް ނަމަވެސް 30 އަހަރު ފުރޭއިރު ރަށުގައި ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ގާއިމުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަލީ މުހައްމަދު ވިދާޅުވީ ހަނދާނީ ބިނާ ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި އެފަދަ ބިނާއެއްގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް ޝަހީދު ހުސެއިން އާދަމްގެ ހަނދާންތަކާއި ޒިކުރާތައް ފޯރުކޮށްދިނުން ކަމަށެވެ.
ކުޅުދުއްފުށީގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ގާއިމުކުރުމަކީ ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ވެސް ވަރަށް ބޮޑު އުންމީދެކެވެ. މި ޖަމިއްޔާއިން ބޭނުންވަނީ ރީތި ބޮޑު ބިނާއެއް ރަށުގައި ގާއިމުކުރުމަށެވެ. ޖަމިއްޔާއިން ބުނީ މިކަމާ ގުޅިގެން ކައުންސިލާ ނުރަސްމީ ގޮތެއްގައި ވާހަކަ ދެކެވިފައިވާނެ ކަމަށެވެ. ކައުންސިލާ ވެސް އެކަމާ ގުޅިގެން ނުރަސްމީކޮށް ބައްދަލުކުރެވިފައިވަނީ އެންމެ ފަހަރަކު ކަމަށާއި އެކަމާ ގުޅިގެން ކައުންސިލާ ވެސް އިތުރު ބައްދަލުވުންތަކެއް ބޭއްވިފައިނުވާ ކަމަށް ޒިގްޒެގްއިން ބުންޏެވެ.
ޒިގްޒެގްއިން ބުނީ މި އަހަރުގެ ޖެނުއަރީ މަހު ކައުންސިލަށް އެ ޖަމިއްޔާއިން ކުރިއަށް ރޭވިފައިހުރި ކަންތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ނުރަސްމީ ގޮތެއްގައި އެފަދަ ބިނާއެއް އެޅުމަށް ކައުންސިލާ މަޝްވަރާކުރެވިފައިވާނެ ކަމަށެވެ. ޖަމިއްޔާގެ ކުރިއަށް ރާވައިފައިހުރި ކަންތައްތަކުގެ ރިޕޯޓްގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހިމަނާފައިވާނެ ކަމަށާއި ކަމަށާއި އެފަދަ ބިނާއެއް އެޅުމަށް 25،000 ރުފިޔާ ބޭނުންވާ ކަމަށް ޒިގްޒެގްއިން ބުންޏެވެ. ނަމަވެސް އޭރު އެކަމަށް ފަންޑު ކޮށްދޭނެ ފަރާތެއް ނުލިބުނު ކަމަށް އެ ޖަމިއްޔާއިން ކިޔައިދިނެވެ.
ޒިގްޒެގްއިން އަދިވެސް ތިބީ މި މަސައްކަތްކުރަން ތައްޔާރަށެވެ. ޒުވާނުންތަކެއް ހިންގަމުންދާ މި ޖަމިއްޔާގެ ހުރިހާ ޒުވާނުންގެ އުންމީދަކީ ވެސް ރަށުގައި ހަނދާނީ ބިނާއެއް ގާއިމުކުރުމެވެ. ޖަމިއްޔާއަށް ފަންޑުކޮށްދޭނެ ފަރާތެއް ލިބުނުހާ އަވަހަކަށް އެ ޖަމިއްޔާއިން ތިބީ މަސައްކަތް ފެށުމަށް ތައްޔާރަށެވެ. ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި އަޅާ ބިނާއެއްގައި ޝަހީދު ހުސެއިން އާދަމް ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭން ޖެހޭނެއެވެ. އެހެންކަމުން އެ ޖަމިއްޔާއިން ބޭނުންވަނީ ރީތި ބޮޑު ބިނާއެއް ޤާއިމުކުރުމަށެވެ. އަދި ރަށަށް އަރާ މީހުންނަށް މަރުހަބާ ކިޔުމަށް ހަދާ ބިނާ ވެސް އެ ޖަމިއްޔާއިން ބޭނުންވަނީ ޝަހީދު ހުސެއިން އާދަމް ރަމްޒުކޮށްދޭ ގޮތަށް ގާއިމުކުރުމަށެވެ.
"ފަންޑްކޮށްދޭނެ ފަރާތެއް ލިބުމުން މިކަން ކުރެވޭނެ، ހުރިހާ ޒުވާނުން ވެސް ތިބީ މިކަން ކުރަން ތައްޔާރަށް، ފަންޑް ލިބުނުހާ އަވަހަކަށް ޒުވާނުން މަސައްކަތް ފަށާނެ،" ޖަމިއްޔާއިން ބުންޏެވެ.
ސަރުކާރުން ވަނީ ޝަހީދު ހުސެއިން އާދަމްގެ ނަމުގައި ހުރިހާ ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ބިނާއެއް ގާއިމުކޮށްފައެވެ. އެ ބިނާއާމެދު ކުޅުދުއްފުށީ ރައްޔިތުން ވެސް ފަހުރުވެރިވެއެވެ. ނަމަވެސް ރައްޔިތުން ބޭނުންވަނީ ރަށުގައި ވެސް އެފަދަ ބިނާއެއް ހުރުމެވެ. ޝަހީދު ހުސެއިން އާދަމްގެ ހަނދާންތައް އަބަދުވެސް ކުޅުދުއްފުށީގައި ދިރިދިރި ހުރުމެވެ. އަންނަން އޮތް ޖީލުތަކަށް ރަށުގެ ހިތްވަރުގަދަ ބަޠަލުގެ ވާހަކަތައް ފެންނާނެހެން ހުރުމެވެ. އެ ހިތްވަރުން ހިތްވަރު ލިބިގަތުމަށެވެ.
"ކިޔާ ދޫތަކުންމީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ
ހިޔާ ފެތުރުވި ރީތި އެމިނިވަން އަމާނާ، ފިދާކޮށް މިވަޠަނަށްޓަކާ ރޫހު ޖާނާ،"
ޝަހީދު ކޯޕްރަލް ޙުސެއިން އާދަމްގެ ހަނދާނީ ބިނާ - ކުޅުދުއްފުށީ ރައްޔިތުން އެދިއެދި ތިބި ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ