ޕީޕީއެމްގެ ރައީސް ކަމަށް "އޮޓަމެޓިކުން" މައުމޫން ހޮވިވަޑައިގެންފި

ޕީޕީއެމްގެ ރައީސް ކަމަށް ހަމައެކަނި ކުރިމަތިލެއްވި ބޭފުޅަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ކަމަށް ވުމުން، އިންތިހާބަކާއި ނުލައި އޮޓަމެޓިކުން އެމަނިކުފާނު ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގެންފި އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ޕީޕިއެމްގެ ދާއިމީ ރައީސް ކަމަށް އެމަނިކުފާނު ހޮވުނު ކަމަށް އިއުލާން ކުރެއްވީ މިއަދު މެންދުރު ފަހު ބޭއްވި ކޮންގްރެސްގަ އެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މައުމޫން އެކަނި ކަމަށް ވާތީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އޮޓަމެޓިކުން އެމަނިކުފާނު މިހާރު ހުންނެވި އިންތިގާލީ ރައީސްގެ މަގާމުން ދާއިމީ ރައީސްގެ މަގާމަށް "ޕްރޮމޯޓް" ވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އެނިކުފާނުގެ ޒައާމަތުގައި މި ޕާޓީއާ އުސްމިސްތަކަކަށް ގެންގޮސްދޭނެ ކަމަށް،" ސީނާ ޒާހިރު ވިދާޅުވި އެވެ.
އިންތިހާބަކާއި ނުލައި ޕާޓީގެ ރައީސް ކަމަށް މައުމޫން ހޮވިވަޑައިގެންނެވި އިރު ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސާއަކަށް ވެސް ހޮވުނީ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އެވެ. ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސް ކަމަށް ކުރިމަތިލެއްވީ ދުންޔާ އެކަންޏެވެ.
އިއްޔެ ފެށި ކޮންގްރެސްގައި، މިއަދު ހެނދުނުގެ ދަންފަޅީގައި ވަނީ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސް ވެސް ހޮވައިފަ އެވެ. އަދި މިއަދު މެންދުރު ފަހު ޕާޓީގެ ނައިބު ރައީސުންނާއި ކައުންސިލަށް މެންބަރުން ހޮވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ