"ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވިސްނުންފުޅަކީ، ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އިފްތިތާޙް ކުރެއްވުަމަށްފަހު އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ މިއަދު އިފްތިތާޙް ކުރެވުނު ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދަވާނީ އެސިޓީގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ރައްޔިތުން އެދޭގޮތަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢަކީ ކުރިން ފެށިފައި އޮތް މަޝްރޫޢެއް ނަމަވެސް މި މަޝްރޫޢު މިހާރު އަލުން ފަށައިގަނެވޭއިރު މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދާނީ، މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާގޮތްތަކަށް ބައްލަވައިގެންކަމުގައި ވިދާޅުވިއެވެ.
އެގޮތުން މަގުތައް ހެދުމުގައި އިސްކަންދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދުތަކަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ