ވަންދޫގައި 67 ގޭބީސީއަށް ކަރަންޓް ފޯރުކޮށްދެނީ އެންމެ ޖަނަރޭޓަރަކުން

ތ. ވަންދޫއަށް އިއްޔެއިން ފެށިގެން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންދަނީ 108 ކިލޯވޮޓުގެ އެންމެ ޖަނަރޭޓަރަކުން ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހްމަދު ގިޔާސް ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ގިޔާސް ވިދާޅުވީ މިޖަނަރޭޓަރަކީވެސް ވަރަށް ހާލުގައި ހުރި ޖަނަރޭޓަރެއް ކަމަށެވެ. ވަންދޫއަށް މީގެ ކުރިން ކަރަންޓް ފޯރުކޮށްދެމުން އައީ 120 ކިލޯވޮޓޮގެ އިތުރު އެހެން ޖަނަރޭޓަރެއްވެސް ބޭނުންކޮށްގެންނެވެ.
އެކަމަކު އިއްޔެ ހެނދުނު 09:30 ހާއިރު 120 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށްވެސް ގިޔާސް ވިދާޅުވި އެވެ. އެހެންކަމުން 67 ގޭބީސީއަށް އެންމެ ޖަނަރޭޓަރަކުން ކަރަންޓްގެ ހިދުމަތް ދިނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ގިޔާސް ވިދާޅުވި އެވެ. އަދި އޭގެފަހުން އިރުއިރުކޮޅުން ކަރަންޓް ކެނޑޭ ކަމަށާއި ހާއްސަކޮށް މިއީ ރޯދަމަސް ކަމަށްވުމުން ކަރަންޓް ކެނޑޭތީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ގިޔާސް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އެގޮތުން ބައެއް ކަރަންޓް ސާމާނު ހަލާކުވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށްވެސް ގިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯދަމަސް ފެށިގެން އައިއިރުވެސް ޖަނަރޭޓަރުތަކުގައި މައްސަލަ އުޅޭކަން ފެނަކައަށް އަންގާފައިވާނޭ ކަމަށާއި އޭރު ފެނަކައިން މައްސަލަ ބަލަމުންދާ ކަމަށް ބުނި ކަމަށެވެ. އެކަމަކު މައްސަލަ ހައްލުކުރަން ފެނަކައިން ކުރި ކަމެއް ކައުންސިލަށް ނޭނގޭ ކަަމަށްވެސް ވިދާޅުވި އެވެ.
ވަންދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނެވޭނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށާއި އެކަމަކު ހައްލު ހޯދުމަށް މިހާރުވެސް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނަމުންދާ ކަމަށްވެސް ގިޔާސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ